މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 7 އޮފިސަރުންގެ ޓީމެއް ބެލްޖިއަމްގެ އެންޓްވާޕްގައި ބޭއްވި އިންޓަރނޭޝަނަލް ކަރެކްޝަންސް އެންޑް ޕްރިޒަންސް އެސޯސިއޭޝަންގެ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެއެވެ.
އެ ކޮންފަރެންސް ކުރިއަށް ދިޔައީ 21 އޮކްޓޯބަރު 2023 ން ފެށިގެން 29 އޮކްޓޯބަރު 2023 އާ ހަމަޔަށެވެ.
އެ ކޮންފަރަންސްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓްގެ 6 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
އެ ކޮންފަރަންސްގައި ބައިވެރިވި އެމްސީއެސްގެ ޓީމް ސްޕޮންސަރކޮށްފައިވަނީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދަށުން ހިންގާ އިންޓަރނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް އާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް އާއި ބްރިޓިޝް ހައި ކޮމިޝަނުންނެވެ.
އެ ކޮންފަރެންސްގެ ތީމް އަކީ ”ހިއުމޭން ކަރެކްޝަންސް: ވަޓް މޯ ކެން ވީ ޑޫ؟“އެވެ.
އެ ކޮންފަރެންސްގައި ޖަލުތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ދުނިޔޭގެ ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުން ހޯދާފައިވާ ކާމިޔާބީތަކާ މެދު މައުލޫމާތު ހިއްސާކުރިއެވެ.
މީގެ އިތުރުން ފަހުގެ ދިރާސާތަކުގެ އަލީގައި ހޯދާފައިވާ ހޯދުންތައް ކޮންފަރަންސްގެ ބައިވެރިންނާއި ވަނީ ޙިއްސާކޮށްފައެވެ.
އެ ދަތުރުގައި އެމްސީއެސްގެ ޓީމުން ބެލްޖިއަމް ޕްރިޒަން ސަރވިސް ބަލަހައްޓާ ދެ ޖަލަކަށް ޒިޔާރަތްކޮށްފައިވާއިރު އެކަން ކުރިއަށް ދިޔައީ ޔޫއެންއޯޑީސީގެ އެހީތެރިކަމާއި އެކުގައެވެ.