ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒެއިނާ މިހެން ވިދާޅުވެފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ޤަރާރު މިއަދަށް އެޖެންޑާކޮށް ނުދިނުމުން މިކަމަށް އިޝާރަތް ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުނުއިރުވެސް ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ.
އެމްޑީޕީ މެންބަރުން ވިދާޅުވާ ގޮތުގައި ގަވައިދާ ޚިލާފަށް މަޖިލީހުގެ ޖަލްސާއެއް ކުރިއަކަށް ނުގެންދެވޭނެއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބާކީ އޮތް މުއްދަތަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމެވެ.
އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތަށް ވަޑައިގަތުމަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު މަސައްކަތް ކުރެއްވުމުން އެމްޑީޕީގެ މެންބަރުން ވަނީ ހުރަސް އަޅާފަ އެވެ.
އަދި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ އިހުތިޖާޖު ކުރަންފެށުމާއެކު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެ ވަނީ ވަކި ގޮތެއް ނާންގާ ޖަލްސާ މެދުކަނޑާލާފައެވެ.