ބޮލީވުޑްގެ ބަތަލް ކާތިކް އާރްޔާން ފިލްމެއްގެ ކަމެއްގައި ހަށިގަނޑުގެ ބައްޓަމަށް ބަދަލެއް ނުގެންނާނެ ކަމަށް ހާމަކޮށްފިއެވެ.
އޭނާ މިހެން ބުނެފައިވަނީ މި ފަހުން ކާތިކް ކުޅުން ފިލްމު ”ފްރެޑީ“ އަށް އޭނާގެ ހަށިގަނޑަށް ބަރުދަން އިތުރުކޮށް ހިކެން އުނދަގޫ ވުމުންނެވެ.
ކާތިކް ހާމަކޮށްފައިވާ ގޮތުގައި ފަލަވާން އޭނާއަށް ވީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެގޮތަށް ހިކެން ވެސް ވަރަށް ފަސޭހަވާނެ ކަމަށް އޭނާ އުއްމީދު ކުރި ކަމަށެވެ. ނަމަވެސް އޭނާ ބޭނުންވާ ހަށިގަނޑަށް އަދިވެސް އޭނާއަށް ނުދެވޭ ކަމަށް ވަނީ ހާމަކޮށްފައެވެ.
އެތައް އިރެއް ކަސްރަތުކޮށް ޑައިޓް ކުރި ނަމަވެސް އޭނާ ބޭނުންވާ ގޮތަށް ހަށިގަނޑު ބައްޓަން ކުރަން އުނދަގޫވާ ކަމަށާއި މިކަމުގެ ސަބަބުން އޭނާއަށް އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އަދި އޭނާ ދެން ފިލްމަކަށް ކަމަށް ބުނެ ހަށިގަނޑަށް އެފަދަ ބަދަލެއް ނުގެންނާނެ ކަމަށާއި އެކަމުގެ ސަބަބުން އޭނާ އިތުރު ފިލްމުތަކުގެ މަސައްކަތް ވެސް ލަސްވާ ކަމަށް ވަނީ ހާމަކޮށްފައެވެ.