ކުށުގެ ތުހުމަތުވާ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުމަކީ ލާއިންސާނީ އަމަލެއް ކަމަށް ވިދާޅުވެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ބާރު އޮންނަ ވެރިކަމެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ހައްލު ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލުން ބާރުގެ ބޭނުން ކުރަނީ ރަނގަޅު ގޮތުގައެއް ނޫން ކަމަށާއި ކުށުގެ ތުހުމަތުވާ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުމަކީ ލާއިންސާނީ އަމަލެއް ކަމަށެވެ.
“އެކަން ހުއްޓަންޖެހޭ. ޝަރީއަތް ނިމެންދެން މީހަކު ޖަލަށްލީމަ ކީއްތޯ މިވަނީ. ކާކުތޯ އެމީހެއްގެ ޝަރީއަތް ނިންމަން އުޅެނީ. ތަހުގީގު ނުނިމިގެން މިއުޅެނީ. އޭނާ އަމިއްލައަށް އޭނާ ތަހުގީގު ކުރެވޭތޯ. އޭނާ އަމިއްލައަށް އޭނަގެ ޝަރީއަތް އަވަހަށް ނިންމޭތޯ. ކޮންބައެއްތޯ މިކަމާ ހަވާލުވެ ތިބީ.“
މިކަމާ ހަވާލުވެ ތިބީ ގާނޫނު ނަގަހައްޓަން މާތްރަސްކަލާނގެ ގަންދީ ހުވާކޮށްގެން ތިިބި ފަރާތްތައް ކަމަށާއި މައްސަލަތައް އަވަހަށް ނިންމުމަކީ އެ މީހުންގެ ޒިންމާއެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
“ކޮބައިތޯ ދިވެހި ރައްޔިތުންގެ ތެރޭގައި ތިބި ގާނޫނީ ކަންކަމަށް ފާޑުވިދާޅުވާ ބޭފުޅުން. މިކަން އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ކަމަކަށްނުވޭ.“
ޔާމީން ވިދާޅުވީ ފަނޑިޔާރު ގެއަކާ ހިސާބަށް މައްސަލަ ދިޔައިމާ އެއީ އެންމެ އަދުލުވެރި އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.