ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އެމަނިކުފާނުގެ ހައްގުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިރޭ ޝުކުރު އަދާކުރައްވައިފިއެވެ.
އެއްހާހަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރެއްވުމަށްފަހު މި މަހުގެ އެއްވަނަ ދުވަހު ގޭބަންދަށް ބަދަލުކޮށް ބަންދަށް ދިން ލުޔާއެކު މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިޚުލާސްތެރިކަމާއެކު މިއަދު އެންމެން ވެސް ހަމްދު ކުރަންޖެހޭ ކަމަށެވެ.
އެއަށްފަހު ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަނިޔާވެރިކަމުން ސަލާމަތްވޭތޯ ރާއްޖޭގެ ހުރިހާ ހިސާބަކުން އެކި އުމުރުފުރައިގެ ބޭފުޅުން ދުއާކުރެއްވި ކަމަށާއި އެމަނިކުފާނުގެ ހައްގުގައި ގިނަ ބަޔަކު ނުކުމެ މަސައްކަތް ކުރި ކަމަށެވެ.
”އަޅުގަނޑު ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އަޅުގަނޑުގެ ހައްގުގައި މަސައްކަތް ކޮށްދެއްވި ހަމަ ހުރިހާ ބޭފުޅުންނަށް ކަނބަލުން އިސްކޮށް ތިއްބެވީ އަދި އެއާއެކީ ފިރިހެން ބޭފުޅުން ވެސް ތިއްބެވި. ހުރިހާ ބޭފުޅުންނަށް ހަމަ ހިފެހެއްޓުމެއްނެތި އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ފަރާތުން ވަރަށް އިޚުލާސްތެރިކަމާއެކީ ތިބޭފުޅުންނަށް ޝުކުރު ދަންނަވަން.“
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށް, ބަންދަށް ލުއި ދިނީ ބޭސްފަރުވާ ކުރުމަށާއި ކަސްރަތުކޮށް އުުޅުމަށް އިތުރު ލުއިތަކަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާތީއެވެ.