ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައި އެޖެންޑާ އިސްލާހުކޮށް ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އެދިއްޖެއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށާއި ހޯމަ ދުވަހަށް އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ މައްސަލަ ކުރިއަށް ނުގެންދެވުނެވެ. އެ މައްސަލަ މިހާރު އެޖެންޑާކޮށްފައި އޮތީ ބުދަ ދުވަހަށެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ސޮއިކުރައްވައި މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ، މާދަމާގެ ޖަލްސާއަށް ނަޝީދުގެ މައްސަލަ ތާވަލުނުކުރި ސަބަބު ސާފުކޮށްދިނުމަށާއި ގަވާއިދާ އެއްގޮތަށް މާދަމާގެ ޖަލްސާގެ އެޖެންޑާގައި ނަޝީދުގެ މައްސަލަ ހިމަނައި އެޖެންޑާ އިސްލާހުކޮށްދިނުމަށްފަހު އަލުން ފޮނުވުމަށް އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެޖެންޑާ ކަނޑައެޅުމުގެ ބާރު އޮންނަނީ މަޖިލީހުގެ ރައީސަށެވެ. އަދި ޖަލްސާ ފެށުމުގެ 06 ގަޑިއިރު ކުރިން މަޖިލީހުގެ ވެބްސައިޓުގައި އެޖެންޑާ އާންމުކުރަން ޖެހޭނެއެވެ.
މަޖިލީހުގެ ވެބްސައިޓުގައިި މިއަދު އާންމުކުރި އެޖެންޑާގައިވާ ގޮތުން މާދަމާގެ ޖަލްސާގައި އޮންނާނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން 2023 ވަނަ އަހަރަށް ލަފާ ކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމާއި ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ.