ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ބައިވެރިވަޑައިގަންނަވާ ޖަގަހަ ޖަލްސާއެއް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މި ޖަލްސާ ކުރިއަށްދާނީ މިރޭ 20:30 ގައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށްފަހު, ބަންދަށް ލުއިތަކެއް ދިނުމާއެކު ރޭ ވެސް ވަނީ ޕީޕީއެމް އޮފީހަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއެކު ބައްދަލުވުމެއް ބާއްވަވައިފައެވެ.
ކަރެކްޝަނުން މައުލޫމާތު ދިން ގޮތުގައި ގޭބަންދަށް ލުއިދިނީ ރައީސް ޔާމީންގެ ފަރާތުން ބޭސްފަރުވާ ކުރުމަށާއި ކަސްރަތުކޮށް އުުޅުމަށް އިތުރު ލުއިތަކަށް އެދިވަޑައިގެންފައިވާތީއެވެ.
މީގެއިތުރުން ކޮންމެހެން ބައްދަލު ކުރުމަށް އެދޭ ފަރާތްތަކަށް ބަައްދަލުކުރުމުގެ ފުރުސަތު ވެސްް ރައީސް ޔާމީނަށް ވަނީ ދީފައެވެ.
ރައީސް ޔާމީނަށް މި ލުއިތައް ދިނީ ކަރެކްޝަންއާއެކު ހެދި އިގުރާރެއްގެ ދަށުންނެވެ. މަނާ ކަންތައްތަކެއް އިގުރާރުގައި ހިމަނާފައިވާނެ ކަމަށާއ އެގޮތުން ރައީސް ޔާމީންގެ އަމަލުތައް މޮނިޓާ ކުރަމުންދާނެ ކަމަށާއި އިގުރާރާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.