މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީ ވުމަށް 565،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
އެމްޕީއެލުން މިއަދު ބުނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، އެ ކުންފުނީގެ ފަރާތުން ފަލަސްޠީނަށް އެހީވުމަށް ހިންގާ ދެ ފަންޑަކަށް ޖުމްލަ 565،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ.
އެގޮތުން މިއީ އެމް.ޕީ.އެލްގެ ފަރާތުން ހަދިޔާކުރި ފައިސާ އާއި އެމް.ޕީ.އެލްގެ މުވައްޒަފުންގެ ފަރާތުން އެހީވުމަށް ހަދިޔާކުރި ފައިސާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މީގެ އިތުރުން މި ފައިސާ ހަދިޔާކޮށްފައި ވަނީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން ހިންގާ ”ފަލަސްތީން ރިލީފް ފަންޑް“ އާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އިން ހިންގާ ”ގާޒާ އެމަރޖެންސީ ރިލީފް“ ފަންޑަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމް.ޕީ.އެލް އާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފައިސާ ހަދިޔާކުރީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އެމްޕީއެލުން ބުނީ ފަލަސްޠީނަށް އެހީވުމުގެ ގޮތުން އެމް.ޕީ.އެލްގެ އެކި ސަރަޙައްދުތަކުގައި ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިންގަމުންދާ އެކި ހަރަކާތްތަކަށް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.