އިޙްތިރާމަކީ އެއްދުވަހުން ލިބޭނެ އެއްޗެއް ނޫންކަމަށާއި، ކޮންމެ މީހަކުވެސް އިޙްތިރާމު ހޯދުމަށްޓަކައި އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، އިޚްލާސްތެރިކަމާއެކު އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް އެދިވަޑައިގެންފިއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު މެންދުރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސް 2023ގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މި ސީރީސްގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އައުމުގެ ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކި ތަޖުރިބާތައް ވަރަށް ތަފްޞީލީ ގޮތެއްގައި ޙިއްޞާކުރައްވާފައެވެ.
ތަފާތު މީހުންނާއެކު މަސައްކަތްކުރެއްވުމުން ގިނަ ކަންކަން ދަސްވާކަން ފާހަގަކުރައްވައި، ކޮންމެ މީހެއްގެ ކައިރިންވެސް ދަސްވާނެ ކަންކަން ހުންނާނެކަން ޤަބޫލުކުރައްވައި މަސައްކަތް ކުރެއްވި ކަމުގައި ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
ހަމަ އެހެންމެ އަބަދުވެސް މީހުންގެ ލަފަޔާ އިރުޝާދާއެކު މަސައްކަތް ކުރެއްވުމަށް ފަސޭހަފުޅުވާ ކަމުގައިވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް އެ މަނިކުފާނު ވަނީ މަސައްކަތުގެ މާހައުލަށް އަލަށް ވެންނެވުމަށްފަހު އެމަނިކުފާނު ތަޖުރިބާކުރެއްވި ކަންކަން ޙިއްޞާކުރައްވާފައެވެ.
ހަމަ އެއާއެކު ކަމަކުން ކާމިޔާބު ޙާޞިލުކުރުމަށް މަސައްކަތްތައް ބައްޓަން ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އެ މަނިކުފާނުގެ ތަޖުރިބާ ޙިއްޞާކުރައްވާފައި ވެއެވެ.
މިގޮތުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިވަޑައިގަތުމަށް ހުންނެވިތަނުން ކެނޑިވަޑައިގެން އެހެންތަނަކަށް ބަދަލުވެ ވަޑައިގެންނެވުމުގެ ބަދަލުގައި އެ ގޮންޖެހުމާއި ކުރިމަތިލައްވައި އެކަން ހައްލު ކުރައްވައި ޒިންމާ އަދާކުރެއްވި ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަކި މަޤާމެއްގައި ހުރެގެން މަސައްކަތެއް ކުރެވޭނެކަމަށް ޤަބޫލުކުރުން ދޫކޮށްލައި ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރުމަށާއި
ރަނގަޅު ނަސޭޙަތްދެއްވާ ފަރާތްތައް ހަނދާން ކުރުމަށްވެސް އެ މަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސް 2023ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޯޑިއަންސްގައި ތިއްބެވި ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.