އިންތިގާލީ މަރުހަލާގައި ގާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށާއި އިންތިގާލީ މަރުހަލާގެ ރޫހަށް އިޙހުތިރާމު ކުރުމަށް އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިންތިގާލީ މަރުހަލާއަކީ އާ ސިޔާސަތުތަކަކަށް ރައްޔިތުން އާނބަސް ބުނެ, އާ ސަރުކާރަކަށް ދައުލަތުގެ ކަންކަން ހަވާލުކުރުމަށް ނިންމި ނިންމުމާ ގުޅިފައިވާ މަރުހަލާއެއް ކަމަށްވާތީ މި މަރުހަލާގެ ރޫހަކަށްވާންވާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ އާ ސަރުކާރުގެ މަސައްކަތްތަކަށް މަގުފަހިވާނެހެން ވެރިކަމުގެ ބާރުތައް ބަދަލުވެގެންދިޔުން ކަމަށެވެ.
މީގެއިތުރުން މި މަރުހަލާގެ ރޫހަކަށްވާންވާނީ އާ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަންފީޒުކުރުމަށް ރާވާފައިވާ ސިޔާސަތުތަކަށް ފުރުސަތު ލިބޭނެހެން ދައުލަތުގެ ހަރުމުދަލާއި ފައިސާއާއި މާލީ މުއާމަލާތްތައް ގާނޫނީ ހަމަތަކުގެ މަތީން ރައްކާތެރިކުރުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ވިޔަފާރީގެ މުޅިން އާ މުއާމަލާތްތައް މި މަރުހަލާގައި ފެށުމާއި, މިފަދަ މުއާމަލާތްތަކާއި އެއްބަސްވުންތައް އަވަސް އަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ އެ ކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތައް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެފަދަ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ގޮތް ބެލުމަށްފަހު ގާނޫނާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަމާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުންޏެވެ.
ވުމާއެކު މި މަރުހަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގަވާ ވިޔަފާރިވެރިންނާއި އެންމެހާ ރައްޔިތުން ގާނޫނީ އިންތަކުގެ ތެރެއިން އެފަދަ މުއާމަލާތްތަކާ ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެ ފަރާތްތަކަށް ބާރުއަޅުއްވައިދެއްވުން އެދެން.“
ހަމައެހެންމެ މިފަދަ މުއާމަލާތްތައް އަވަސް އަރުވާލައިގެން ނިންމުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ރައްޔިތުންގެ ނިންމުމަށާއި އިންތިގާލީ މަރުހަލާގެ ރޫހަށް އިހުތިރާމުކޮށް ކަމޭހިތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން އިއްޔެ ވަނީ އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އާބަންކޯއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.