ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން “ނެޝަނަލް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް“ ގެ ނަމުގައި މިއަދު ކޮންފަރެންސެއް ބާއްވައިފިއެވެ.
މާލޭގައި ބޭއްވި މި ކޮންފަރެންސަކީ މަސައްކަތު މާހައުލުގެ ސަބަބުންޖެހޭ ބަލިތަކާއި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް މަސައްކަތު މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި ކޮންފަރެންސްގެ މަގުސަދަކީ ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ ދައުރާއި މަސައްކަތު މާހައުލުގެ ސަބަބުންޖެހޭ ބަލިތަކާއި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް މިހާރު ކުރެވެމުންދާ މުހިންމު މަސައްކަތްތައް ހިއްސާކުރުމެވެ.
މީގެއިތުރުން މި ކޮންފަރެންސްގައި ސްޓޭކްހޯލްޑަރުންނާއި އެންޖީއޯތަކާއި އަމިއްލަ ފަރާތްތައް އެއްތަނަކަށް އެއްވެ ސަރުކާރާއި އަމިއްލަ މުއައްސަސާތަކުގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް އެކުލަވައިލާ އުސޫލުތަކަށް އެ ފަރާތްތަކުގެ ޚިޔާލާއި ތަޖުރިބާ ހިއްސާކުރެވުނު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ މި ކޮންފަރެންސްގައި ފަސް މައުޟޫއުއަށް ޕްރެސެންޓޭޝަން ހުށަހެޅުމާއި ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދެވުނު ކަމަށެވެ. އޭގެތެރޭގައި މަސައްކަތުގެ ސްޓްރެސްގެ ސަބަބުން ސިއްހަތަށް ކުރާ އަސަރާއި ސްޓްރެސް މެނޭޖްކުރާނެ ގޮތާއި މަސައްކަތު މާހައުލުގައި ދިމާވާ އެކްސިޑެންޓް/އަނިޔާތަކުން ރައްކާތެރިވުންފަދަ މައުޟޫއުތައް ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.