އައްޑޫ ސިޓީ ހުޅުދޫއާއި ށ. މިލަންދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ބުނީ އައްޑޫ ސިޓީ ހުޅުދޫއާއި ށ. މިލަންދޫގައި މިސްކިތް އިމާރާތް ކުރުން ހަވާލުކޮށްފައި ވަނީ އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަގަކީ 17,488,559.49 ( ސަތާރަ މިލިއަން ހަތަރުލައްކަ އައްޑިހަ އައްހާސް ފައްސަތޭކަ ފަންސާސް ނުވަ ރުފިޔާ ސާޅީސް ނުވަ ލާރި) ކަމަށެވެ.
މީގެ އިތުރުން ށ. މިލަންދޫގައި އިމާރާތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ އެއްބަސްވުމުގެ އަގަކީ 15,174,897.40 (ފަނަރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް އައްސަތޭކަ ނުވަދިހަ ހަތް ރުފިޔާ ސާޅީސް ލާރި) ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރާ މި މިސްކިތްތައް 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާއިރު މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރެވޭ މިސްކިތްތަކެކެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު ފިރާޤެވެ.