ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުދިއުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
މިކަން ހާމަކޮށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފައިވާ ކަމަށެވެ.
އަދި މައްސަލަ ހުށަހެޅުމުގެ ހުއްދަ ދާދި ދެންމެ ދީފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ އާއި މިއަދަށް ވެސް އެޖެންޑާ ކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާން ފޮނުއްވާފައި ވުމުން އިއްޔެ ވެސް އަދި މިއަދުވެސް މަޖިލީހުގެ އިދާރާއިން ވަނީ ޖަލްސާ ކެންސަލްކޮށްފައެވެ.
އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ދެ ކަމަކަށް އެދިފައި ވާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށް ވަނީ އެދިފައެވެ.
ހަމަ އެހެންމެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ވެސް އެމްޑީޕީން ވަނީ އެދިފައެވެ.