ށ.މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ %97 ނިމިފައިވާ ކަމަށް އެމްޓީސީސީއިން މިއަދު ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ %97 ފުރިހަމަކުރެވިފައިވާއިރު, އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ %51 ފުރިހަމަކުރެވިފައިވާ ކަމަށެވެ.
އަދި މި މަޝްރޫއުގެ ތެރެއިން މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށާއި ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށެވެ.
56.79 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށާއި 3,245 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެއިތުރުން 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ. އަދި 1509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓަކާއި ރޭމްޕެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.