އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އަމަލުތައް މޮނިޓާކުރަމުންދާ ކަމަށާއި އިގުރާރާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަންއިން ބުނެފިއެވެ.
1049 ދުވަހަށްފަހު ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ މި މަހުގެ 01 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން ގޭބަންދުން ރަށު ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވުމާ ގުޅިގެން ނޫސްތަކުން އެ ވާހަކަ ރިޕޯޓު ކުރުމުން އެކަން ދޮގުކޮށް ކަރެކްޝަަނުން އިއްޔެ ބުނީ ބަންދަށް ބަދަލުކުރީ ނޫން ކަމަށާއި ގެއިން ބޭރަށް ނުކުމެވޭނީ ހަމައެކަނި ސިއްހީ ކަންކަމުގައި ކަމަށެވެ.
ނަމަވެސް ކަރެކްޝަނުން އެހެން ބުނެފައި ވަނިކޮށް ރޭގެ ވަގުތެއްގައި ރައީސް ޔާމީން ވަނީ ޕީޕީއެމް އޮފީހަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއެކު ބައްދަލުވުމެއް ވެސް ބާއްވަވައިފައެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން ކަރެކްޝަންގެ އޮފިޝަލަކު ”ދިޑެއިލީ“ އަށް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ބޭސްފަރުވާ ކުރުމަށާއި ކަސްރަތުކޮށް އުުޅުމަށް އިތުރު ލުއިތަކަށް އެދިވަޑައިގެންފައިވާތީ އެ ފުރުސަތު ދީފައިވާ ކަމަށާއި އަދި ކޮންމެހެން ބައްދަލު ކުރުމަށް އެދޭ ފަރާތްތަކަށް ބަައްދަލުކުރުމުގެ ފުރުސަތު ވެސްް ދީފައިވާނެ ކަމަށާއި ނަމަވެސް އެގޮތަށް ބައްދަލުކުރެވޭނީ އެކަން އެ ސަރވިސްއާ ހިއްސާކުރުމަށްފަހު ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
”އޭގެ އިތުރުން ކުރުން މަނާ ކަންތައްތަކެއް އިގުރާރުގައި ހިމަނާފައިވާނެ. ވީމަ މި ސަރވިސްއިން މި ގެންދަނީ ރައީސް ޔާމީންގެ އަމަލުތައް މޮނިޓާ ކުރަމުން.“
އިގުރާރާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް ރައީސް ޔާމީނަށް ދަންނަވާފައިވާނެކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.