ރާއްޖޭގެ ވިޔަފާރިވެރިން ސްޕޮންސާ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އަންހެން ބޭފުޅުން ހޮއްވަވާ ދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ޑރ. މުޢިއްޒު މިގޮތަށް އެދިވަޑައި ގަތީ ހޮޓެލް ޖެންގައި ރޭ ކުރިއަށްދިޔަ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންސީއައި)ގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޑރ. މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އަބަދު ހޮވަން ޖެހޭނީ ފިރިހެން ބޭފުޅުން އެކަނި ނޫން ކަމަށެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިޚާބަކީ އަންހެން ބޭފުޅުންގެ ޝާމިލްވުން މިއަދާއި ހަމައަށް ނުވާ ވަރަށް ޝާމިލްކަން ލިބިދޭ އިންތިޚާބަކަށް ވާން ބޭނުންވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިގޮތުން ވިޔަފާރިވެރިން ނުކުމެވަޑައިގަން، ތައުލީމީ ގާބިލް އަންހެން ބޭފުޅުން އެހީތެރިކަމާއި، ހިތްވަރުދީ، ސްޕޮންސާ ދެއްވައިގެން މަޖިލީހަށް ހޮވާދެއްވައިފިނަމަ ވަރަށް އުފާވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް/ޕީއެންސީގެ ފަރާތުން 19 އަންހެން ބޭފުޅުން މި ފަހަރު މަޖިލީހަށް ކުރިމަތިލައި ކާމިޔާބު ހޯއްދަވާނެ ކަމަށް ވަރަށް އުއްމީދު ކުރައްވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ހަމަ އެހެންމެ ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި އެ 19 ބޭފުޅުން ސްޕޮންސާ ކޮށްގެން، މަޖިލީހަށް ވެއްދުން ވެގެން ދާނީ ޤައުމަށް ކޮށްދެވޭނެ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ޤައުމެއް ކުރިއަށް ގެންދެވޭނީ އެންމެން އެކަތިގަނޑަކަށް ވެގެން، އެކުވެރިކަމާއި އެކީގައި މަސައްކަތް ކޮށްގެން ކަމަށް ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.