ހުޅުމާލޭގެ ބިންތައް ވިއްކުމާގުޅޭ އެއްވެސް މުއާމަލާތެއް އިންތިގާލީ މަރުހަލާގައި ކުރިއަށް ނުގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯއިން އަންގައިފިއެވެ.
ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭސީސީގެ އޮފިޝަލަކު މިއަދު “ދިޑެއިލީ“ އަށް ވިދާޅުވީ ފަރުކޮޅުފުށި ދިގު މުއްދަތަކަށް ކުއްޔަށް ދޭން އުޅޭކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާތީ އެކަމުގެ އެއްވެސް މުއާމަލާތެއް އިންތިގާލީ މަރުހަލާގައި ކުރިއަށް ނުގެންދަން އާބަންކޯއަށް އަންގާފައިވާ ކަމަށެވެ.
އިންތިޚާބީ ރައީސް އޮފީހުން އިއްޔެ ބުނީ އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އެ ކުންފުނީގެ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި ހުޅުމާލޭގެ ބިންތަކަކީ ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު އެސެޓުތައް ކަމަށާއި އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ އެ އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ވަކީން ޚާއްސަކޮށް މި މުއާމަލާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން ”ލީޒް“ ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭތީ އިތުރަށް ކަންބޮޑުވާ ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް ގާނުނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ވެސް އެ އޮފީހުން ވަނީ ދީފައެވެ.