ޕީޕީއެމް މެންބަރުންގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުން ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕާޓީގެ ބައެއް މެންބަރުންނާއެކު ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.
ރައީސް ޔާމީންގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް އަލިއަޅުވައިލައްވައިފައެވެ.
ޖަމީލު ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ރަސްގެފާނު ކަމަށެވެ.
ޖަމީލު ވިދާޅުވީ ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށާއި ޕާޓީގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުންކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ ކަމަށާއި އެއީ އެއްފިކުރެއްގެ ދެ ޕާޓީކަން ރައީސް ޔާމީން ފާހަގަކުރެއްވިކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.