ސިޔާސީ އެއް ޕާޓީން އަނެއް ސިޔާސީ ޕާޓީއަށް މެންބަރުން ބަދަލުކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ކޮމިޝަނަށް ލިބެމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބް އެ ފަދައިން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި މިވަގުތު އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓު އިއްޔެ ކޮމިޝަނުން އާންމުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މަޢުލޫމާތު އަނެއްކާ ވެސް ކޮމިޝަނުން އާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށް ކަމަށް ހަބީބް ވިދާޅުވިއެވެ.
އެ ލިސްޓު އީސީގެ ވެބްސައިޓުން ފެންނާނެ ކަމަށާއި އެ ލިސްޓުގައި ނަން އޮތްތޯ ޗެކްކުރުމަށް PPR ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި އައިޑީކާޑު ނަމްބަރު ލިޔުމަށް ފަހު 1414 އަށް ފޮނުވުމަށް ހަބީބް ވަނީ އެދިވަޑައިގަންނަވާފައެވެ.
ސިޔާސީ ޕާޓީގައި އެ މީހެއްގެ ނަން އޮތް ގޮތާއި މެދު ޝަކުވާ އެއް އޮތް ނަަމަ ޝަކުވާ ހުށަހެޅުމަށް ވެސް ހަބީބު ވަނީ އެދިވަޑައިގަންނަވާފައެވެ.
ހުށަހަޅާ ޝަކުވާ ބަލައިގަންނާނީ 2023 ނޮވެމްބަރު 30 ވާ ބުރާސްފަތި ދުވަހުގެ 3:00 އާ ހަމަޔަށް ކަމަށާއި ކޮމިޝަނުގެ އީމެއިލް info@elections.gov.mv އަށް ޝަކުވާ ފޯމު ފޮނުވޭނެ ކަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.