ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ މިއަދުވެސް ސަލާމުގައި ހުންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރެއްވުމަށް ހުށައަޅުއްވާފައިވާ ޤަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވި ޖަލްސާ ކެންސަލް ކޮށްފިއެވެ.
މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ މައްސަލަ އިއްޔެގެ ޖަލްސާއަށް ވެސް އެޖެންޑާކުރިއެވެ.
ނަމަވެސް އިއްޔެގެ ޖަލްސާއަށް ވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ ސަލާމް ވިދާޅުވެފައި ވާތީ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ.
އީވާ ސަލާމުގައި ހުންނެވީ ޑެންގީ ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީއެވެ. އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައް ވެސް މަޖިލީހާ ހިއްސާކުރައްވާފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.
ނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ވެސް މަޖިލިސް ކުރިއަށް ގެންދެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާ ކަމަށެވެ.
އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް ބަޔާންކުރާ މާއްދާ މެންބަރުން ފާހަގަކުރައްވައެވެ.
އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެ ކަމަށް ވެސް އެ މާއްދާގައިވެއެވެ. މި ގޮތުން މިހާތަނަށް މަޖިލީހުގައި ރައީސާއި ނައިބު ރައީސް ރިޔާސަތުގައި ވަޑައިގެން ނެތް ދުވަސްތަކުގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފުވެ.
އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅުއްވާފައެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ނެތި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ ގޮތެއް ޤަވާއިދުގައި ވެސް ނެތްކަމަށެވެ.