ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް 1،505،366 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 13.4 އިންސައްތަ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހާ ހަމައަށް ރާއްޖެ ޒިޔާރާތްކުރީ 1.3 މިލިއަން ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ފެބްރުއަރީ މަހުގައެވެ. ފެބްރުއަރީ މަހު ރާއްޖެއަށް 177،915 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.
މި މަހުގެ މިހާތަނަށް ޒިޔާރަތް ކުރީ 144،318 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެއަށް 5001 ފަތުރުވެރިން ޒިޔާރަތް ކުރާ އިރު އެވްރެޖުކޮށް ފަތުރުވެރިން 7.6 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިޔާއިންނެވެ.
ރަޝިޔާއިން 172،472 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު އަށްޓެރި އިންޑިޔާ އިން 163،513 ފަތުރުވެރިން، ޗައިނާއިން 163،036 ފަތުރުވެރިން، އިނގިރޭސިވިލާތުން 121،166 ފަތުރުވެރިން، ޖަރުމަނުން 105،862 ފަތުރުވެރިން، އިޓަލީން 89،725 ފަތުރުވެރިން، އެމެރިކާއިން 58،695 ފަތުރުވެރިން، ފްރާންސުން 40،500 ފަތުރުވެރިން، ސްޕެއިނުން 32،286 ފަތުރުވެރިން އަދި ސްވިޒަލެންޑުން 29،255 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ 1.5 މިލިއަން ފަތުރުވެރިން ހަމަވުމާއި ގުޅިގެން ދާއިރާގެ ސްޓޭކް ހޯލްޑަރުންނަށް ޝުކުރު އަދާކޮށްފައެވެ.
މި އަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.