ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުތުގެ ފިލްމު ”ތޭޖާސް“އަށް ލިބޭ ތަރުހީބު ކުޑަވުމުން ކަންގަނާ ރުޅި ގަދަވެއްޖެއެވެ.
މި ފަހުން ކަންގަނާ ހާމަކޮށްފައިވާ ގޮތުގައި ރަނގަޅު ފިލްމެއް އުފެއްދި ނަމަވެސް ބެލުންތެރިން ތަރުހީބު ނުދޭ ކަމަށާއި އަބަދުވެސް ތަރުހީބު ދީ ކުރިއަރުވަން ބޭނުން ވަނީ ވަކި ބައެއްގެ ފިލްމުތައް ކަމަށެވެ. އަދި ބޮލީވުޑްގައި ވަކި ތަރިންއެއް ކުރިއަރަނީ ވެސް ބެލުންތެރިންގެ ސަބަބުން ކަމަށް ބުނެ ކަންގަނާ ވަނީ ފާޑު ކިޔާފައެވެ.
މި ފިލްމަށް ފިނި ތަރުހީބެއް ލިބެމުންދާތީ މި ފިލްމަކީ ފްލޮޕްވާނެ ފިލްމެއް ކަމަށް ގިނަ ފަރާތް ތަކުން ވަނި ހާމަކޮށްފައެވެ. އަދި ފިލްމުގައި ހުރީ ބޭކާރު ވާހަކަތައް ކަމަށާއި ޝައުގުވެރިވާ ގޮތަކަށް ފިލްމު އުފައްދާފައި ނެތް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ހާމަކޮށްފައެވެ.
މި ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލު ކަންގަނާ ކުޅުނު ވަތަނީ ފިލްމެކެވެ. ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރި މި ފިލްމަކީ ސަރްވެޝް މެވާރާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.
ކޯވިޑްގެ ފަހުން ކަންގަނާގެ ކޮންމެ ފިލްމެއް ވެސް އަންނަނީ ފްލޮޕް ވަމުންނެވެ. ކަންގަނާ ދެން ފެނިގެންދާނީ އޭނާ ޑައިރެކްޓް ކުރާ ފިލްމު ”އެމަޖެންސީ“ އިންނެވެ.