ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 4.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
އެގޮތުން އެސްޓީއޯ އިން މިއަދު އާއްމުކުރި އެ ކުންފުނީގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީބަޔާނުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ޖުމުލަ 4.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ހަމަ އެހެންމެ މިއީ އޭގެ ކުރީ ކުއާޓަރާ ބަލާއިރު 300 މިލިއަން ރުފިޔާގެ އިތުރު ވުމެއް ކަމަށް މާލީ ބަޔާނުން ދައްކައެވެ.
އެ ކުންފުންޏަށް އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 271 މިލިއަން ރުފިޔާ ލިބިފައި ވާއިރު އެއީ، މީގެ ކުރީ ކުއާޓަރާ ބަލާއިރު 10 އިންސައްތަ ދަށް އަދަދެއް ކަމަށް މާލީ ބަޔާނުން ދައްކައެވެ.
އެ ކުންފުނީގެ ސާފު ފައިދާ ކުރީގެ ކުއާޓަރާ އަޅާ ބަލާއިރު ދަށްވީ ނަމަވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 942 މިލިއަން ރުފިޔާ ލިބިފައެވެ. މިގޮތުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 469 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.