ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ޤަރާރު ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
އެގޮތުން އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ދެ ކަމަކަށް އެދިފައި ވާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށް ވަނީ އެދިފައެވެ.
ހަމަ އެހެންމެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ވެސް އެމްޑީޕީން ވަނީ އެދިފައެވެ.
މީގެ އިތުރުން މި މައްސަލައިގެ ތަފްސީލް ހިއްސާކުރެއްވުމަށް އެމްޑީޕީގެ ލީގަލް ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ސީދާ ނައިބު ރައީސް ކަމަށް އަމީން އާންމު ނިންމެވީ ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
އަފީފް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވަނީ ބަޔާން ކޮށްފައި ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ.