އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އެ ކުންފުނީގެ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހުޅުމާލޭގެ ބިންތަކަކީ ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު އެސެޓުތައްކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިިވަނީ އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ އެ އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ވަކީން ޚާއްސަކޮށް މި މުއާމަލާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން ”ލީޒް“ ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭތީ އިތުރަށް ކަންބޮޑުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
”މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި, މުޅި ދިވެހި ދައުލަތަށް އެކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެ.“
އެހެންކަމުން އިންތިގާލީ މަރުހަލާގައި މިފަދަ މުއާމަލާތްތައް މަޑުޖައްސާލައި ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން މި މަރުހަލާގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް ގާނުނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ވެސް ދީފައެވެ.