ފިނިމޫސުމާއި ދިމާކޮށް ރަޝިޔާ އަޒުރު އެއާރގެ ”ލުޖޯ“ ބްލެކް ޖެޓުގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
ފިނިމޫސުމާއި މިއަދު ދިމާކޮށް ރާއްޖެއަށް ދަތުރުތައް ފެށި ”ލުޖޯ“ ބްލެކް ޖެޓަކީ މުއްސަދިންގެ ދަތުރުތަކަށް ހާއްސަ ކޮށްފައިވާ ޖެޓެކެވެ.
ބްލެކް ޖެޓުގެ ދަތުރުތައް ރާއްޖެއަށް ކުރަނީ މުއްސަދިން މަހުޖަނުން އެންމެ ގިނަ އުޅޭ ރަޝިޔާގެ ވެރިރަށް މޮސްކޯ އިން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށެވެ.
ބްލެކް ޖެޓަކީ ދުނިޔޭގެ މަޝްހޫރު ގިނަ ބަޔަކު ދަތުރުކުރާ އެއް ޖެޓެވެ. ރަޝިޔާގެ ހައި އެންޑް މާކެޓުގެ ޓޫރިޒަމް އޮންނަ މަންޒިލްތަކަށް މި ޖެޓުގެ ދަތުރުތައް ކުރެއެވެ. ނަމަވެސް މި ޖެޓަކީ ފްރައިވެޓް ޗާޓަރު ފްލައިޓެކެވެ.
މިއީ ޕްރައިވެޓް ޓްރާންސްފާއަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ބޮއިން 757 މަރުކާގެ ދުރަށް އުދުހުމުގެ ކުޅަދާނަކަން ލިބިފައިވާ ބޮޑު ޖެޓެކެވެ. މި ޖެޓުގައި 78 މީހުންނަށް ދަތުރު ކުރެވޭ އިރު މި ބޯޓުގެ ތެރޭގައި ގާއިމް ކޮށްފައިވާ ހުރިހާ އާލާތްތަކަކީ ވެސް ޕްރައިވެޓް ޓްރާންސްފާއަށް ހާއްސަ އާލާތްތަކެވެ.
މި ބޯޓުގެ ތެރޭގައި ޕްރައިވެސީއާއެކު ހިތްފަސޭހަ ދަތުރެއް ކޮށްލުމަށް ބޭނުންވާ މުއްސަނަދި ހުރިހާ ވަސީލަތެއް ފުރިހަމަ ކޮށްފައި ހުރެއެވެ. ދަތުރު ކުރާ މީހުނަށް ހާއްސަ މެނޫއެއް ވެސް އޮވެއެވެ.
ރަޝިޔާއަކީ މިހާރު ރާއްޖޭގެ ޓޫރިޒަމް ހިއްސާގެ 2 ވަނަ ގައުމަކަށްވާ އިރު ފިނި މޫސުމާއި ދިމާކޮށް ގިނަ އެއާރލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ބާއްވަމުން އަންނަ އިރު ރާއްޖެއަށް 22 ގައުމަކުން މިހާރު ވެސް 31 އެއާރލައިނެއްގެ ދަތުރުތައް އަންނަނީ ކުރަމުންނެވެ.