ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ އަންހެން މެންބަރުން ހޮވަން ބޭނުންފުޅު ވެލައްވާނަމަ އެމީހުންގެ ކެމްޕޭނަށް ޚަރަދު ކޮއްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ވަޑައިގަތުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވާފައި ވާތީ އެކަމަށް އިޝާރަތް ކޮށެވެ.
ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެ މަނިކުފާނު ވަރަށް އެދޭ ކަމެއް ކަމަށެވެ. އަދި މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އެ މަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެހެން ކަމުން ޑރ. މުޢިއްޒު ވިދާޅުވެފައިވާ ވާހަކައާ ގުޅިގެން ރޮޒައިނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންހެން މެންބަރުންނަށް އެހީތެރިކަން ބޭނުން ވަނީ މަޖިލީހަށް ހޮވުނީމައި ނޫން ކަމަށެވެ.
އަދި ޑރ. މުޢިއްޒު އެހެން ވިދާޅުވުމުން އެ މަނިކުފާނުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށާއި އިންތިޚާބީ ރައީސް މަޖިލީހަށް ގިނަ އަންހެނުން ހޮވަން ހަގީގަތުގައިވެސް ބޭނުންފުޅު ވެލައްވާނަމަ އެމީހުންގެ ކެމްޕޭނަށް ހަރަދު ކޮއްދެއްވުމަށް ރޮޒެއިނާ ވަނީ އެދިވަޑައިގެންފައެވެ.
ރޮޒެއިނާ ވިދާޅުވީ އަންހެން މެންބަރުންނަށް އެހީތެރިކަން ބޭނުން ވާނީ ހޮވުނީމަކާ ނޫން ކަމަށާއި އެހީތެރިކަން ބޭނުންވާނީ ހޮވެން ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ އަންހެން މެންބަރުން މަޤާމަށް ހޮވުމުން އެލަވަންސްދޭ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވުމުން އެ މަނިކުފާނުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.