މިހާތަނަށް މަސްވެރިންނަށް 91.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޕިޝަރީޒް ކޮންޕެނީން ހާމަކޮށްފިއެވެ.
މިފްކޯއިން ބުނީ މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރި ފަހުން މިހާތަނަށް 9401 މެޓްރިކް ޓަނުގެ މަސް އެކުންފުންޏަށް ކިރުވާފައިވާ ކަމަށާއި މި އަހަރުގެ މިހާތަނަށް 54502 ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ.
މަސް ގަންނަ އަގު ބޮޑުކުރި ފަހުން މިފްކޯއިން މަސްވެރިންނަށް 91.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށާއި މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 965 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.
މަސްވެރިންގެ އަތުން ގަންނަ މަހުގެ އަދަދު އިތުރުވެފައިވީ ނަމަވެސް މިފްކޯއަށް ވަނީ މަސްވެރިންނަށް ފައިސާ ދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.
މިކަމުގެ އެއް ސަބަބަކީ މިފްކޯއަށް ގެއްލުމުގައި މަސް ގަންނަން ޖެހުމާއި ފައިސާ ހޯދުމަށް ސަރުކާރަށް ބަރޯސާވާނެ ޖެހުމެވެ.
މިފްކޯއިން ބުނީ މަސްވެރިންނަށް ފައިސާ ދޫކުރުން ލަސްވެފައި ވަނީ މިފްކޯއަށްވާ ގެއްލުން ފޫބެއްދުމަށް ފިނޭންސް މިނިސްޓްރީއިން މި އަހަރަށް ބަޖެޓުގައި ހަމަޖައްސާފައިވާ ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވުމުން ކަމަށެވެ.
މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރީ މިދިޔަ ސެޕްޓެންބަރުމަހުގެ 16ވަނަ ދުވަހުއެވެ. އެގޮތުން 17 ރުފިޔާއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު ވަނީ 25 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މަސްވެރިކަމުގެ ސީޒަންގައި މަސް ގަތުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މިފްކޯއިން ދަނީ އެކުންފުނީގެ ކާރުޚާނާތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.
މި މަސައްކަތް ނިމުމުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ %48 އިތުރުވެގެން ދާ އިރު ފްރީޒިންގ ކެޕޭސިޓީ %37 އިތުރުވެގެންދާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.