އެމަނިކުފާނަކީ ދިވެހިބަހަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން އިސްކަން ދެއްވަނީ ދިވެހިބަހުން ވާހަކަ ދެއްކެވުމަށް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
މައުމޫން އިއްޔެ ދިވެހިބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރެޔާދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ހަމަލާތައް ދެމުންދާއިރު ކުށެއް ނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުންދާކަން ފާހަގަކުރައްވައިފައެވެ.
”ތިޔަ ވިދާޅުވާ ބައިނަލްއަގުވާމީ މުޖުތަމައު ކޮބައިތޯ؟“ މައުމޫންގެ އެ ޕޯސްޓުގައި ސުވާލުކުރައްވާފައިވެއެވެ.
މައުމޫންގެ މި ޕޯސްޓާއެކު ބައެއް މީހުން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.
”ބައިނަލް އަގުވާމީ ފަރާތްތަކަށް ދިވެހިބަހުންތޯ“ ޕޯސްޓަށް ކޮމެންޓް ކުރި އެކަކު ސުވާލުކޮށްފައިވެއެވެ.
މީގެއިތުރުން އެހެން މީހަކުވަނީ އިޚުލާސްތެރިކަމެއް ހުރިއްޔާ އިނގިރޭސިން ލިޔުއްވާފައި ޕޯސްޓު ކުރެއްވުމަށް މައުމޫނަށް ދަންނަވައިފައެވެ.
ފާޑުކިޔުންތަކާ ގުޅިގެން މައުމޫން މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ “އަޅުގަނޑަކީ ދިވެހިބަހަށްޓަކައި ފަޚުރުވެރިވާ މީހަކަށްވީތީ އަޅުގަނޑު އިސްކަންދެނީ ދިވެހިބަހުން ވާހަކަ ދައްކަން“ ކަމަށެވެ. “އެކަމަކު ޢަރަބި ބަހުން ނުވަތަ އިނގިރޭސި ބަހުން އެއްޗެއް ބުނަން ޖެހިއްޖެނަމަ އެކަން ކުރުމަކަށް ދެކޮޅެއް ނަހަދަން“ ކަމަށެވެ.
މީ ކަނޑައެޅިގެން މައުމޫނު ހެއްދެވި ބޮޑުދޮގެއް! ދިވެހިބަސް ހަލާކު ކޮށް މިއަދު މިއޮތް ދަޖައަށް ދިވެހިބަސް ވެއްޓިގެން ދިޔައީ ދިވެހިބަސް ހަލާކު ކުރުމަށް މައުމޫނު އެޅި ފިޔަވަޅުގެ ސަބަބުން އެއީ 1980ގެ އަހަރުތަކުގައި، ދެން ދިވެހިބަސް ތެދުވެ ހިންދަމައި ނުލެވޭވަރަށް ސްކޫލުތަކުގެ ތެރެއިން ހަލާކު ކޮށް ނިމުނީމާ އެބަސް މައުމޫނު އެބުނަނީ މަލާމާތްކުރުމުގެ ގޮތުންނެވެ. ”އިންނާ ފަތަޙްނާ“ ރަންތިރީސް އަހަރުގައި މިކަހަލަ ކިތަންމެ ކާމިޔާބެއް އޭނާ ހޯދައިފައިވޭ!