ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ދިއުމަށް ނިންމައިފިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި މިއަދަށް އެޖެންޑާ ކޮށްފައި އޮތް ޖަލްސާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ވަނީ ކެންސަލް ކޮށްފައެވެ.
މިގޮތުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިޔުޝާ ނިންމެވީ މާދަމާގެ ޖަލްސާއަށް ވަޑައިގަންނަވަން އީވާއަށް ދެންނެވުމަށްފަހު މާދަމާއަށް ޖަލްސާ ފަސް ކުރުމަށެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ހުރަސްއަޅާތީ އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން މިކަމަށް އިތުރު ހައްލެއް ލިބޭނެ ކަމަށް ފެންނަނީ ކޯޓުން ކަމަށާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ގުޅިގެން މުޅި މަޖިލިސް ހުއްޓުވާލާފައި ބޭއްވޭނެ އެއްވެސް ގޮތެއް ގަވައިދުގެ ތެރޭގައި ނެތްކަމަށް އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފަ އެވެ. ރައީސް ނަޝީދު މަޤާމުން ވަކިނުކޮށް މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށްވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފަ އެވެ.