ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް އަވަސްކުރަން ވަކި ޚާއްސަ މަސައްކަތްތަކެއް ނުކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ޙަބީބް މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މެއި މަހުގައެވެ. ގިނަ ދުވަސްތަކަކަށްފަހު މިއަދު ވަނީ އިތުރު އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ.
މިއަދުގެ އަޑުއެހުން ފަށަމުން ގާޒީ ވިދާޅުވީ މި މައްސަލާގައި މިއަހަރު 09 އަޑުއެހުމެއް ބާއްވަން ތާވަލުކުރި ނަމަވެސް ބޭއްވުނީ 06 އަޑުއެހުން ކަމަށެވެ. އަދި ޝަރީއަތްތައް ލަސްވަނީ ކޯޓުގެ ޖާގައިގެ ދަތިކަމާ ހުރެ ކަމަށާއި މި މައްސަލަ އަވަސް ކުރުމަށް ވަކި ޚާއްސަ މަސައްކަތެއް ނުކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މި މައްސަލަ ނޫނަސް އެހެން މައްސަލަތަކުގެ ޝަރީއަތްތައް ވެސް ވަނީ ވަރަށް ބޮޑަށް ލަސްވެފައި ކަމަށެވެ.
މައްސަލަ އަވަސް ކުރުމަށް ވަކި ޚާއްސަ މަސައްކަތެއް ނުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަންނަ މަހުގައި ތިން އަޑުއެހުމެއް ކުރިއަށްގެންދަން ނިންމަވާފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތުން އަންނަ މަހުގައިި އަޑުއެހުން ބާއްވަން ނިންމަވާފައިވަނީ 23 ވަނަ ދުވަހާއި 27 ވަނަ ދުވަހާއި 29 ވަނަ ދުވަހު ކަމަށް ގާޒީ ވިދާޅުވިއެވެ.