ހޮނިހިރު, ޑިސެމްބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ސައުވީސްވަނަ ބައި)

ނައުފާ ލިޔުނީ: ނައުފާ
އޮކްޓޯބަރ 29, 2023
ވާހަކަ
0
ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ފުރަތަމަ ބައި)

ސައުވީސްވަނަ ބައި

ADVERTISEMENT

ދަހާ ފޯނު ނެގުމާއެކު އޭނާގެ ހާލު ސައިފް އޮޅުންފިލުވިއެވެ. އަދި ގެއަށް ދެވިއްޖެތޯ އަހައިލިއެވެ. ސައިފްގެ ސުވާލުތަކަށް ޖަވާބުދެމުންދިޔައިރު ރޯމަހެއް ތެޅޭހެން ދަހާގެ ހިތް ދިޔައީ ތެޅެމުންނެވެ. އެހެނަސް އިންތިޒާރު ކޮށްކޮށް ވެސް އޭނާ ހިތްއެދުނުފަދަ އެއްވެސް ވާހަކައެއް ސައިފް ނުދެއްކިއެވެ. ކުޑަމިނުން ދަހާގެ ސިޓީ ލިބިއްޖެކަމުގެ އެއްވެސް އިޝާރާތެއް ވެސް ސައިފްގެ ފުށުން ފައުޅެއްނުވިއެވެ. ހައިރާންކަމާ އެއްވަރަށް ދަހާ ސުވާލު އުފެދޭގޮތްވިއެވެ. ސައިފްގެ ނަމުން އޭނާ މަޑުމަޑުން ގޮވައިލީ އެހެންވެއެވެ. ސައިފްގެ ވާހަކަދެއްކުމުގައި ވެސް އެއްވެސް ތަފާތެއް ނެތްކަން އޭނާއަށް އިހުސާސުވީއެވެ.

”އަހަރެން ކޮޓަރީގަ ސައިފްއަށް ބޭއްވި ސިޓީ ދެކުނިންތަ“ ހިސާބަކަށް ޖެހިލުންވެފައި އިނދެ ދަހާ އެއްސެވެ. ދަހާގެ ސުވާލަށް އާދައިގެ ގޮތަކަށް ސައިފް ހޫން ލައްވައިލިއެވެ. އެހެނަސް އެއާ ވިއްދައި އިތުރު އެއްވެސް ވާހަކައެއް އޭނާ ނުދެއްކިއެވެ. މައުޟޫ ބަދަލުކޮށްލަމުން ސައިފް ފެށީ މުޅިން އެހެން ވާހަކައެކެވެ. އެހެންވެ އިތުރަށް އެއާ ގުޅުވައި އެއްޗެއް އަހައިލާކަށްވެސް ދަހާ އަކަށް ނުކެރުނެވެ. ސައިފް އެ ސިޓީގެ ވާހަކަދައްކަން ބޭނުންނުވާންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާ ހީކުރީ އެ ސިޓީގައި އޭނާއަށް ފައުޅުކުރެވުނީ ޚުދު ސައިފްގެ ވެސް ހިތުގެ ހާލުކަމަށެވެ. އެތައް ފަހަރަކު އޭނާގެ އަމަލުތަކުން ދަހާދެކެ ގަޔާވާކަން ސައިފްވީ ހާމަކޮށްފައެވެ. ވީއިރު އޭނާ ލޯބިވާކަން ފައުޅުކުރުމުން ވެސް ސައިފް އެކަމަށް އެހައި ބޮޑު ސަމާލުކަމެއް ނުދެންވީ ކީއްވެހެއްޔެވެ؟ އަނެއްކާ ދަހާ އަށް ކުރެވުނީ ކުށްހީއަކީބާއެވެ؟ ނޫނީ ސައިފް އޭނާއާ ނުބައި ސަމާސާއެއް ކުރަނީ ހެއްޔެވެ؟ ދަހާއަކަށް އެކައްޗެއް ވެސް ނުވިސްނުނެވެ. ބޭކާރު ޚިޔާލުތައް ސިކުނޑިއަށް ވެރިވާންފެށުމާއެކު ދަހާގެ ޠަބީއަތު މުޅިން ބަދަލުވެއްޖެއެވެ. ހިތްހަމަނުޖެހުން ހިތަށް ވެރިވީ ކުއްލިއަކަށެވެ. ސައިފް ދައްކަމުންދިޔަ އެއްވެސް ވާހަކަތަކެއް އަޑުއެހުމުގެ ޝައުޤެއް އޭނާގެ ހިތަކު ނެތެވެ. ސައިފްގެ ފުށުން އެހައި އަޅައިލުންކުޑަ ޖަވާބެއް ލިބިދާނެކަމަށް ފަހަރެއްގައިވެސް ދަހާ ހިއެއްނުކުރެއެވެ. މުޅި މޫނުމަތީގެ ކުލަވަރު ބަދަލުވުމާއެކު ތުންފިއްތައިލަމުން ދަހާ ވައްތަރެއް ޖައްސައިލިއެވެ. އަދި ސައިފްގެ ވާހަކަތައް މެދުކަނޑައިލަމުން އަވަސް އަރުވައިލައިފައި އޭނާ ދާންވެއްޖެކަމަށްބުނެ ފޯނު ކޯލު ކުރުކޮށްލިއެވެ. ފޯނު ކަންފަތާ ދުރުކޮށްލުމާއެކު އެނދުމައްޗަށް ދަހާ ފޯނު އެއްލިއެވެ. އޭގެއަށް ބަލަން އިނދެ ދެބުމަ ގޮށްޖަހައިލަމުން އޭނާ ލޯއަޅައިލިއެވެ. ސައިފް ގަސްދުގައި އޭނާގެ އިހުސާސުތަކާ ކުޅެނީއޭ ހީވެ ސައިފް ދެކެ އިންތިހާއަށް ނުރުހުންވެވޭގޮތްވީއެވެ.

ދަހާ ކުއްލިއަކަށް ފޯނު ކަނޑައިލުމާއެކު ސައިފް ހިފަހައްޓައިގެންހުރި ހިނިގަނޑު ފަޅައިގެންދިޔައެވެ. ހިނިއައިސްފައި ފޯނަށް ބަލައިލަމުން އޭނާ ދެފަރާތަށް ބޯހޫރައިލިއެވެ. ”މޮޔަކުއްޖާގަނޑު“ ފޯނަށް ބަލަން އިނދެ ސައިފް އަމިއްލަ ނަފުސަށް އިވޭވަރަށް ބުނެލިއެވެ. އޭރު އޭނާގެ މޫނަށްވީ ލާނެތް އަސަރުތަކެއް ވެރިވެފައެވެ. ދެލޮލުން އާދަޔާ ޚިލާފު ވިދުމެއް ފައުޅުވާން ހުއްޓެވެ. އިސްތަށިގަނޑުގައި އަތްހިންގައިލަމުން އަނެއް އަތުން ހިފަހައްޓައިގެން ހުރި ސިޓީއަށް ސައިފް ބަލައިލިއެވެ. އަދި މޫނާ ސިޓީ ކައިރިކޮށްލަމުން ނުހަނު ލޯބިން އޭގައި އޭނާ ބޮސްދިނެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. ދަހާގެ ކިޔެވުންފެށުމާއެކު އޭނާގެ މުޅި ދުވަސްތައް ހޭދަވަމުން ދިޔައީ ކިޔެވުމުގެ އެކި އެކި މަސައްކަތްތަކުގައެވެ. ބުރަކޮށް އުޅެން ޖެހުމުން ދުވަސްތައް ދިޔަގޮތްވެސް އޭނާއަށް އިހުސާސުނުވެއެވެ. ދޭތެރަކުން ސައިފްއާ ވާހަކަދެއްކި ނަމަވެސް އަދިވެސް ދަހާއަށް ލިބިފައިވި ހިތްހަމަނުޖެހުން ފިލާގޮތެއް ނުވެއެވެ. އެކަން އެނގިހުރެވެސް ނޭނގޭކަމަށް ސައިފް ހަދާތީ އަދި ވަކިން ބޮޑަށް ދަހާ ނުރުހޭގޮތްވިއެވެ. އެހެނަސް އެ އަސަރުތައް ސައިފް ކުރިމަތީގައި ފައުޅުކުރާކަށް އޭނާއަކަށް ނުކެރެއެވެ. އެތެރަށް ހިންދައިލައިގެން ހުރީ އެހެންވެއެވެ.

ފުރަތަމަ ސެމިސްޓާރގެ ފަހު ޓެސްޓް ނިންމައިލުމަށްފަހު ޔުނިވާރސިޓީއިން ނުކުތް ދަހާގެ މޫނުމަތީގައި ރަސްކަން ކުރަމުންދިޔައީ ހަމަޖެހުމުގެ އަސަރެވެ. މުޅި ސެމިސްޓާރގެ ކިޔެވުން ދިޔަގޮތާމެދު އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ބުރަކޮށް ކުރެވުނު މަސައްކަތުން، މިހާތަނަށް ދެވުނު ކްލާސް މަސައްކަތްތަކުގައިވެސް އެންމެ ރަނގަޅު ނަތީޖާއެއް ލިބުނީ ދަހާއަށެވެ. އެހެންވެ މުޅި ސެމިސްޓާރގެ ނަތީޖާ ވެސް ރަނގަޅުވާނެ ކަމުގެ އުއްމީދު އޭނާގެ ބޮޑެވެ.

ހެނދުނުއްސުރެ މުޅި އުޑުމަތިވީ ކަޅު ވިލާތަކުން ބައްދައިލައިފައެވެ. ޖެހެމުންދިޔަ ރޯޅީގައިވެސްވީ ތެތްފިނިކަމެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސައިލައިފާނެހެންނެވެ. އެހެންވެ ޔުނިވާރސިޓީއިން ނުކުތް ކުދިންވެސް އަވަސް އަރުވައިލައިފައި އުޅުނީ ގެއަށް ދެވޭތޯއެވެ. މަގުގެ އެއްފަރާތަށް މަޑުކޮށްލި އާދަމްގެ ކާރު ފެނިފައި ހަލުވި ފިޔަވަޅުތަކެއްގައި ދަހާ އެދިމާއަށް މިސްރާބުޖެހިއެވެ. އޭނާއަށް އައިސް ކާރަށް އެރުނީ ކިރިޔާއެވެ. ވާރޭގެ ބޮޑެތި ތިކިތަކުގެ ހަމަލާ އައީ ކުއްލިއަކަށެވެ. މަގުމަތީގައި ހިނގައި ބިނގައިވަމުންދިޔަ ބައެއް މީހުން ހިޔާވާނެ ގޮތެއްނެތި ވެހެމުންދިޔަ ވާރޭގެ ޝިކާރައަށް ވަމުންދިޔައެވެ. ދަހާ ކާރަށް އެރުމާއެކު އާދަމް ކާރު ދުއްވައިލިއެވެ. އަދި ދަހާގެ އެންމެ ފަހު ޓެސްޓް ދިޔަގޮތާމެދު ސުވާލުކޮށްލިއެވެ. ހިނިތުންވެލަމުން ރަނގަޅު ކަމުގައި އޭނާ ބުނެލިއެވެ. ”ބަންދަށް ރާއްޖެ ދެވޭތީ ވަރަށް އުފަލުންދޯ ތިހުރީ“ ކުރިމަތީހުރި ލޯގަނޑުކޮޅުން ފަހަތުގައިއިން ދަހާގެ މޫނަށް ބަލައިލަމުން އާދަމް އަހައިލިއެވެ. އެއާއެކު ދަހާގެ ހިނިތުންވުން ފުންވެލިއެވެ. ނިކަން އަވަހަށް އޭނާ ބޯޖަހައިލިއެވެ. އެތައް ދުވަހެއްފަހުން އަމިއްލަ ވަޒަނަށް ދެވޭތީ އެކަމުގެ އަސަރުތައް އެއްވެސް ފޮރުވުމެއްނެތި އޭނާގެ މޫނުން ފައުޅުވާން ހުއްޓެވެ.

ގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އަވަސް އަވަހަށް ކާރުން ފައިބަމުން ގޭތެރަށް ވަންނަން ދަހާ ހިނގައިގަތެވެ. ހުޅުވައިފައިހުރި ދޮރުން އެތެރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އޭނާއަށް ލިބުނީ ކުއްލި ހައިރާން ކަމެވެ. ގަބޫލުކުރަން ދަތިވެފައި ގޭގެ ބޮޑުކޮޓަރިތެރޭގައި ހުރި ސޯފާތަކުގައި ތިބި އުމޭރާ އާއި މަނާލްއަށް އޭނާ ބަލައިލިއެވެ. ދަހާ ފެނުމާއެކު ދަރިފުޅާއޭ ކިޔައި ގޮވައިލަމުން އިންތަނުން އުމޭރާ ތެދުވިއެވެ. އެއަޑަށް އެދިމާއަށް ދެވުނު ގޮތްވެސް ދަހާއަށް ނޭނގުނެވެ. އުމޭރާ ގައިގައި އޭނާއަށް ބައްދައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ނުހަނު ލޯބިން ދަހާގެ ބުރަކަށީގައި އުމޭރާ ފިރުމައިލިއެވެ.

”ވަރަށް ގޯސް. ކީއްވެ އަންނަން ވާހަކަ އެކަކުވެސް ނުބުނީ“ އުމޭރާއާ ދުރުވެލަމުން ތުންފަތް އޫކޮށްލުމަށްފަހު ދަހާ ޝަކުވާކޮށްލިއެވެ. އެއަޑުއިވިފައި ހިނިގަނޑެއް ޖަހައިލަމުން އިންތަނުން މަނާލް ވެސް ތެދުވިއެވެ. ”ސާބަސް، ސަޕްރައިޒް އަކީ ބުނެފަ ދޭ އެއްޗެއް ނޫނޭ“ ދަހާގެ ކޮނޑުގައި ޖަހައިލަމުން މަނާލް ބުނެލިއެވެ. މަނާލްއަށް ލޯއަޅައިލަމުން ގޭތެރަށް ވަށައިގެން ދަހާ ނަޒަރު ހިންގައިލިއެވެ. އެތައް ދުވަހަކަށްފަހު ހިތްއެދޭ ފަރާތުގެ ސޫރަ ދުށުމަށް އޭނާވީ ކެތްތެރިކަން ކުޑަވެފައެވެ. ”ތި ހޯދާ މީހާއެއް ނެތް“ ދަހާއަށް ބަލަން ހުރި މަނާލް ދިމާކޮށްލާފަދަ ގޮތަކަށް ބުނެލިއެވެ. އެއާއެކު މަނާލްއަށް ދަހާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ”ދޮންބެ އެއްނު ތި ހޯދަނީ. ހެހެ އަހަންނަށް އެނގެއޭ. ބަލާބަލަ ބޮޑުދައިތާ، އަހަރެމެން އެހާ ވަރުން ސަޕްރައިޒްއެއް ރާވައިގެން އައީމަވެސް ދަހާ އެއުޅެނީ އެހެން މީހެއް ދެކޭހިތުން. އަހަރެމެން މަތިން އެހާ ބޮޑަށް ހަނދާނެއް ނުވޭ ދޯ“ ދަހާގެ ކޮނޑުގައި އެލިގަންނަމުން ކަހަލަ ގޮތަކަށް އަނެއްކާވެސް މަނާލް ދިމާކޮށްލިއެވެ. އޭނާގެ ލާނެތް ސަމާސާތަކުން ދަހާގެ ކޯތާފަތަށް ޖަންބުކުލަ ވެރިވެގެން އައީ ބަސްބުނާހައި ކުޑަހިނދުކޮޅެއް ތެރޭއެވެ. ލަދުގަތްވަރުން އުމޭރާއަށް ބަލައިލާން ނުކެރި ދަހާ ވަގުތުން އިސްޖެހިއެވެ. ”ސޮރީ، ދޮންބެ އުޅުނު ވަރަށް އާދެވޭތޯ، އެކަމަކު ވިޔާފާރިކަންތަކުގަ މާ ބިޒީވީމަ ނާދެވުނީ“ ދަހާއަށް ވީ ގޮތްފެނިފައި ހީނލަމުން މަޑުމަޑުން މަނާލް ބުނެލިއެވެ. އެއަޑު އިވިފައި ދަހާގެ މޫނު މިލައިގެން ދިޔައެވެ. ހިތަށް މާޔޫސްކަން ވެރިވިއެވެ. އެހެންވެ ވަކި އެއްޗެއް ބުނުމެއްނެތި ދަހާ ލަސްލަހުން ބޯޖަހައިލީއެވެ.

”އަހަރެމެން މިއައީ ދެތިން ދުވަހު މިކޮޅުގަ މަޑުކޮށްލާފަ ދާގޮތަށް. އެހެންވެ ދަހާގެ ޓިކެޓް ވެސް މިހާރު އިންނާނީ ބަދަލުކޮށްފަ. އެނީވޭސް، މިރޭ ހިނގާބަލަ އަހަރެން ގޮވައިގެން މިތަނުގެ ތަންތަން ބަލައިލަން ދާން. މިހެން އާދެވޭ ފަހަރެއްގައެއްނު ތަނަކަށް ދެވޭނީވެސް“ ދަހާއަށް ބަލަންހުރެ އާދޭހުގެ ރާގަކަށް މަނާލް ބުނެލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ދަހާ ހިނިތުންވެލިއެވެ. އަދި މަޑުމަޑުން ބޯޖަހައިލުމާއެކު މިރޭ އިޝާނަމާދު ފަހުން ތައްޔާރުވެ ހުރުމަށް މަނާލް ގާތުގައި ބުނެލިއެވެ.

އިޝާނަމާދުކޮށް ނިމުނުއިރުވެސް ދަހާއަށް ލިބިފައިވި މާޔޫސްކަން ފިލާގޮތެއް ނުވިއެވެ. ސައިފް މަތިން އޭނާ ހަނދާންވަނީ އިންތިހާއަށެވެ. ބޭރަށް ދާހިތް ނެތަސް މަނާލް ގާތުގައި ވަޢުދުވެވިފައި އޮތުމުން ނުގޮސް ހުންނާކަށް އޭނާއަކަށް ނުކެރުނެވެ. އެހެންވެ ގައިގައި ނެތް ހިތްވަރުނެރިގެން ދަހާ ތައްޔާރުވެ ނިންމައިލިއެވެ. ލޯގަނޑުން ފެންނަންހުރި އަމިއްލަ ސޫރައަށް ބަލައިލަމުން ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން މަނާލް ހުޅުވައިލިއެވެ. މޫނަށް ވައްތަރެއް ޖައްސައިލަމުން ފޫހި ރާގަކަށް ވާރޭ އޮއްސާލައިފިކަމުގައި އޭނާ ބުންޏެވެ. ދެން ހަދާނެ ގޮތަކާމެދު ދަހާއަށް ސުވާލުކޮށްލެވުނެވެ. ކޮނޑުއަރުވައިލަމުން މަނާލް އިރުކޮޅަކު ދަހާއަށް ބަލަހައްޓައިގެން ހުއްޓެވެ.

”ޔެސް، އެމީ ދައްތަ މިއަދު ބުނި ވާރޭ ވެހޭއިރު ޓެރަސްމަތި ވަރަށް ހިތްގައިމުވާނޭ. ޓެރަހުގެ އެއްބައި ބިއްލޫރިޖަހާ ހިޔާކޮށްފައޭ ހުންނާނީވެސް ބުނި. ހިނގާބަލަ ޓެރަހަށް އަރަން. އަހަރެން އަދި އެތަން ބަލައިނުލަން. ދެން އެހެންނޫނަސް މިރޭ ބޭރަކަށް ވެސް ނުދެވޭނު“ ކުއްލިއަކަށް ކަމެއް މަތިން ހަނދާންވި ފަދައަކުން މަނާލް ބުނެލިއެވެ. ދަހާއަށް ވެސް އެޚިޔާލު ވަރަށް ކަމުދިޔައެވެ. ބޯޖަހައިލަމުން އޭނާ ހިނގައިގަތުމާއެކު ފަހަތުން ކަހަލަ ގޮތަކަށް މަނާލް ވެސް ހިނގައިގަތެވެ.

ޓެރަހަށް ނުކުމެވުމާއެކު ދަހާއަށް ދެލޯބޮޑުކޮށްލެވުނެވެ. ޓެރަހުގައި ހަތަރެސް ފަރާތުން ބިއްލޫރިޖަހައި ކުޑަ ސިޓިންގްރޫމްކޮޅެއްހެން ހަދައިފައިހުރި ތަނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ. ބިއްލޫރި ފާރުތަކުގެ އެތެރެއިން މުޅި އެތަނުގައި ބަހައްޓައިފައިހުރި ކުދިކުދި އުއްބައްތިތައް ފެންނަން ހުއްޓެވެ. އެތަނުގެ ދޮރުން ފެށިގެން މެދުގައިހުރި ކުޑަ ވައްމޭޒާއި ހަމައަށް ހިމަމަގެއްހެން އަތުރައިފައިހުރި ރަތްފިނިފެންމަލުގެ ފިޔަތަކުން މުޅި މާހައުލަށްވީ ތަފާތު ހިތްގައިމުކަމެއް ވެރިވެފައެވެ. އާޝޯޚުވެފައި ހުރެ އެތަނުގެ ދޮރާ ދިމާއަށް ދަހާއަށް ހިނގައިގަނެވުނު ގޮތްވެސް ނޭނގުނެވެ. ވަށައިގެންވި ހުރިހައި ކަމެއް މަތިން ހިނދުކޮޅަކަށް އޭނާ ހަނދާންނެތުނު ކަހަލައެވެ. ފަޅުކަންވެރިވެފައިވި އެތަނުގެ ތެރަށް ވަންނަމުން ވަށައިގެން ދަހާ އެނބުރެލިއެވެ. ވެހެމުންދިޔަ ވާރޭގެ އެތައް ހާސްތިކިތައް ބިއްލޫރިގަނޑުގައި ބޮސްދިނުމަށްފަހު ތިރިއަށް ފައިބައިގެންދަނީ ލަދުރަކިކަމާއެކުއެވެ. ވާރޭގެ ސަބަބުން މުޅި ތަނުގައި މަޑުމަޑު ހިތްގައިމު ރާގެއް ކުޅެވެމުންދިޔަކަހަލައެވެ. އެކުޑަ ކޮޓަރީގެ އެތަން މިތަންވީ ފިނިފެންމަލާއި އުއްބައްތިން ރީތި ގޮތަކަށް ޒީނަތްތެރިކުރެވިފައެވެ. އަވަސްވަމުން އައި ހިތާއިއެކު މޭޒާ ދިމާއަށް ދަހާ މިސްރާބުޖެހިއެވެ. އެވަގުތު މޭޒުމަތީގައި ބާއްވައިފައި އޮތް ރަތްފިނިފެންމާބޮނޑި ކައިރީގައި ފަތްޖަހައިލައިފައި އޮތް ކުޑަ ކާޑުކޮޅު އޭނާގެ ލޮލުގައި އަޅައިގަތެވެ. ތުރުތުރުލަމުންދިޔަ އަތުން އެކާޑުކޮޅު ނަގައި ދަހާ ހުޅުވައިލިއެވެ. އަދި ރީތި އަތުލިޔުމަކުން ލިޔެފައިވި ދިވެހި ޅެންބައިތުކޮޅު އޭނާ ކިޔައިލިއެވެ.

”މިތުރާއޭ ޖާނުދޭން، މަ ހުރީމޭ ލޯބިދޭން..

އޭގާ ވަފާ އިތުބާރުވޭ، ލޯބި އަދު ދެއްވާނުހޭ..

ޔާރު ތިޔެ މިހިތުގެ ޝިފާ، ލޯބި އަދު ދެއްވާނުހޭ..

ދެހިތުގެ ވިންދުން އިވޭ، ރާގު މިއެ އިޤުރާރުވޭ..

އާނއެކޭ ލޯބިވޭ، އާނއެކޭ ލޯބިވޭ..“

އެ ޅެންބައިތުތައް ކިޔައި ނިމުނުއިރު ދަހާގެ ދެލޯވީ ކަރުނުން ފުރިފައެވެ. އެވަގުތު ފަހަތުން މީހެއްގެ ހިލަންވީހެން ހީވެ އަވަސް އަވަހަސް ދަހާ ފަހަތަށް އެނބުރި ބަލައިލިއެވެ. ދޮރުގައި ލެގިލައިގެން ފަރުވާތެރިކަމާއެކު އޭނާއަށް ބަލަން ހުރި ޒުވާނާ ފެނިފައި ދަހާގެ ނޭވާ ވެސް ހިނދުކޮޅަކަށް ހޮޅީގައި ތާށިވީކަހަލައެވެ. ކަޅުކުލައިގެ ގަމީހާއި ޖިންސްގައި އެ ޒުވާނާގެ ރީތިކަން އެތައް ގުނައެއް އިތުރުވެފައިވިއެވެ. ޖިންސުގެ ދެޖީބަށް އަތްޖަހައިލައިގެން ހުރިއިރު، އޭނާގެ ފިރިހެންވަންތަ މޫނުގައިވީ ލޯބިވެތި ހިނިތުންވުމެކެވެ. އެސްފިޔަ ޖަހައިލުމެއްނެތި ދަހާއަށް ބަލަމުންދިޔައިރު އެދެލޮލުން އާދަޔާ ޚިލާފު ވިދުވަރެއް ފައުޅުވަމުންދިޔައެވެ.

”ސައިފް..“ ވައިއަޑުން ދަހާއަށް ބުނެވުނެވެ. އެހެނަސް އެއަޑު ނުހަނު ސާފުކޮށް ސައިފްއަށް އިވުނު ކަހަލައެވެ. ހަށގަނޑު ސީދާކޮށްލުމާއެކު ދަހާއާ ދިމާއަށް އޭނާ ލަސްހިނގުމެއްގައި މިސްރާބުޖެހިއެވެ. އެ މޫނުމަތީގައިވި ބޭޤަރާރު އަސަރުތަކުން ދަހާގެ ހިތް ދިޔައީ ހިނދެއް ހިނދަކަށް އަވަސްވަމުންނެވެ. ސައިފްއާ ހަތަރުކަޅި ހަމަކޮށްލުމާއެކު ދަހާއަށް ހިންދިރުވައިލެވުނެވެ.

-ނުނިމޭ-

Tags: ވާހަކަޔާރު ތިޔެ މިހިތުގެ ޝިފާ

ގުޅުންހުރި ލިޔުންތައް

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ތެޔާޅީސް ވަނަ ބައި

ނޮވެމްބަރ 25, 2023
ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ބަޔާޅީސް ވަނަ ބައި

ނޮވެމްބަރ 21, 2023
ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – އެކާޅީސް ވަނަ ބައި

ނޮވެމްބަރ 16, 2023
ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސާޅީސްވަނަ ބައި

ނޮވެމްބަރ 13, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ”އޭމިޔޮތް މައިދާނާއެވެ! ތިބާއަށް ނޭނގެނީތޯ މިތަން ސާފްކުރަންޖެހޭކަމެއް“: ޕާޕާ

    ”އޭމިޔޮތް މައިދާނާއެވެ! ތިބާއަށް ނޭނގެނީތޯ މިތަން ސާފްކުރަންޖެހޭކަމެއް“: ޕާޕާ

    0 shares
    Share 0 Tweet 0
  • ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ތެޔާޅީސް ވަނަ ބައި

    0 shares
    Share 0 Tweet 0
  • ދަ މެސެޖް މާދަމާ އެންޑޯސް ކުރާނެ: ޑރ.ޝަހީމް

    0 shares
    Share 0 Tweet 0
  • ކަރެކްޝަނުން އިންޒާރު ދީފައިވަނިކޮށް ޔާމީން ޕީއެންއެފް އޮފީހަށް ވަޑައިގެންފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In