ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދިވެހި ފިރިހެނެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މަސްތުވާތަކެތީގެ ހަތަރު ބާވަތެއް ހިމެނޭހެން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މީހެކެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދަށް މީގެކުރިން ޖެހި ފަސް ދުވަސް ހަމަވުމުން ކޯޓުން މިއަދު ވަނީ ބަންދަށް ފަސް ދުވަސް އިތުރުކޮށްފައެވެ.
މި މައްސަލާގައި ބަލައި ފާސްކުރެވުނު ތަނުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 121.905 ގްރާމް ހުއްޓެވެ.
އޭގެތެރޭގައި ހިމެނެނީީ 82.1636 ގްރާމް ޓެޓްރޯހައިޑްރޯކެނެބިނޯލްއާއި 14.2106 ގްރާމް ކޮކޭންއާއި 24.4373 ގްރާމް ފްލޮރޯމެތްކެތިނޯން އާއިި 1.0935 ގްރާމް މެފެޑްރޯންއެވެ.
މިތަކެތި ފެނުނު ތަނަކީ އެހެން ފަރާތަކުން ކުއްޔަށް ހިފައިގެން އުޅޭ ތަނެއް ކަމަށާއި އެކަން އެނގޭނެ ލިޔުން އެ ތަނުން ފެނިފައިވާ ކަމަށާއި އެ ތަކެތި ފެނިފައިވަނީ އޭނާގެ އަސްލީ ހިޒާޔަތުން ނޫން ކަމަށާއި އެތަނަކީ އެހެން ބަޔަކު ދިރިއުޅޭ ތަނެއް ކަމަށް ދިފާއުން ފާހަގަކޮށްފައެވެ.
ނަމަވެސް އެ ތަނުން އޭނާގެ ޕާސްޕޯޓުތަކެއްގެ އިތުރުން އެހެން ލިޔުންތަކެއް ފެނިފައިިވާ ކަމަށާއި އޮގަސްޓު މަހު އެތަނުގެ ކުލި ދައްކާފައިވަނީ ތުހުމަތުކުރެވޭ މީހާ ކަމަށާއި އެ ތަން ހުޅުވީ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.