ތަފާތު ކުރުމެއް ނެތި, ހުރިހާ ފަނޑިޔާރުންވެސް އަދުލު އިންސާފު ގާއިމުކޮށްދިނުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު ގޮވާލައްވައިފިއެވެ.
އުއްތަމަ ފަނޑިޔާރު މިގޮތަށް ގޮވައިލެއްވީ އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ދެއްކެވި ވާހަކަފުޅުގައި އަދުލު އިންސާފު ފޯރުކޮށްދިނުމަކީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަދުލު އިންސާފު ފޯރުކޮށް ދިނުމުގެ މަސައްކަތް ފަނޑިޔާރުން ކުރައްވަންވާނީ ވިސްނުންތެރިކަމާއެކު ކަމަށެވެ. އަދި ފަނޑިޔާރުން މައްސަލަ ނިންމަވަނީ އަމިއްލަފުޅު ވިސްނުމުގައި ނޫންކަމަށާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބަލާފައި ވީ އެންމެ އިންސާފުވެރި ގޮތަށްކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވަނީ އަދުލަށް ހުކުމް ކުރާއިރު ތަފާތު ކުރުމެއް ނެތި, ހުރިހާ ފަނޑިޔާރުން ވެސް އަދުލު އިންސާފު ގާއިމުކޮށްދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.