އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލެ ހިންގުން މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
މިއީ ރިޔާސީ ކެމްޕެއިންގައި ވެސް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެކެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު އާންމުންނާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލޭއަކީ މާލޭގެ އެއްބައި ކަމަށެވެ.
ނަމަވެސް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މިހާރުވެސް ދެމުން އަންނަނީ އާބަންކޯއިން ކަމަށާއި ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރާ ކަންކަމުގެ ތެރޭގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލުކުރުން ހިމެނޭ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މިގޮތުން މަގުތަކާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މަގުތައް ދިއްލުން ފަދަ ކަންކަމުން ފެށިގެން ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ، އިދާރީ ގޮތުން ދޭން ޖެހޭ ހުރިހާ ޚިދުމަތެއް ކައުންސިލާއި ހަވާލު ކުރައްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ހުޅުމާލެ ހިންގުން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދިޔުމުން ރައްޔިތުން އެދޭގޮތަށް މާލޭގައި ޚިދުމަތްދޭ ގޮތަށް ހުޅުމާލެ ދެ ފިޔަވަހި ވެސް ބަދަލުވާނެ ކަމަށާއި އެ ބަދަލުގެނައުމުން ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާ އިހްތިޞާސާ ގުޅޭ ގޮތުން، އާބަންކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ވަނީ ހިޔާލު ތަފާތުވުންތައް ބޮޑުވެފައެވެ.