ކޭޝް ބޭނުންކޮށްގެން ކުރާ ފައިސާގެ މުއާމަލާތްތައް މަދުވެ އިންޓަނެޓް ބޭންކިންގެ މަގުބޫލުކަން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
އެމްއެމްއޭ އިން ނެރެފައިވާ ޕޭމަންޓްސް ބުލެޓިން ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޕޭމެންޓް ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓްރާންސްފާ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތައް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު އެކަނިވެސް ޓްރާންސްފާ މެދުވެރިކޮށް ޖުމްލަ 88.86 މިލިއަން ޓްރާންސެކްޝަން ވަނީ ހިންގައިފަ އެވެ. އެއީ މުޅި އަހަރު ހިންގާފައިވާ ޓްރާންސެކްޝަންތަކުގެ 60 އިންސައްތައެވެ. އަދި ފައިސާގެ އަދަދުން ބަލާއިރު އެއީ 563.1 މިލިއަން ރުފިޔާ އެވެ.
ޓްރާންސްފާ މުއާމަލާތްތަކުގެ %95 އަކީ އިންޓަނެޓް ބޭންކިން ނުވަތަ ބޭންކްތަކުގެ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ހަދާފައިވާ ޓްރާންސެކްޝަންތަކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮންލައިން ޕޭމެންޓްތައް ބޮޑަށް އިތުރުވެގެން ދިޔަކަން ފާހަގަވެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރެވެ. އެގޮތުން އޭރު އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮންލައިން ޕޭމަންޓުތަކުން ފައިސާގެ މުއާމަލާތްތައް އިތުރުވެގެން ދިޔަ އެވެ.
އެއާއެކެ ޓްރާންސްފާގެ ހިދުމަތުގެ ފަސޭހަކަމާއި މަގުބޫލުކަން އަހަރެއް އަހަރަކަށް އިތުރުވެ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި ވިޔަފާރިތަކަށް ވެސް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ދެއްކޭގޮތަށް މިހާރު ވަނީ ބަދަލުވެފަ އެވެ.
ރިޕޯޓުން ދައްކާ ގޮތުން ޓްރާންސްފާއަށްފަހު ދެން އެންމެ ގިނަ ފައިސާގެ މުއާމަލާތު ހިންގަނީ ބީއެމްއެލް ކޭޝް ކާޑް ބޭނުންކޮށްގެންނެވެ. އެއާއެކު ޗެކާއި ކޭޝް ބޭނުންކޮށްގެން މުއާމަލާތްތައް ހިންގާ ވަރު އަހަރަކަށް ވުރެ އަހަރެއް ދަނީ ދަށްވަމުންނެވެ.