ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓު ހޯދަން ބަލިތަކަށް ފަރުވާ ހޯދަން ކަމަށް ބުނެ ބައެއް މީހުން އެންސްޕާ ހަރަދުގައި ރާއްޖެއިން ބޭރަށް ޗުއްޓީއަށް ފޮނުވިކަމަށް ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރިޔާސީ އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި އިލްޔާސް ވިދާޅުވީ މި ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ދައުލަތުގެ މާލިއްޔާއިން ނަހަމަ ގޮތުގައި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ވިދާޅުވީ ރައީސް ޞާލިހަށް ވޯޓު ދޭނެކަމަށް މީހުން ލައްވައި އެއްބަސް ކުރުވުމަށްފަހު ބޭސްފަރުވާ ކުރުމުގެ ނަމުގައި ”ޗުއްޓީ ހެދުމަށް“ އާސަންދަ އަދި އެންސްޕާއިން ޚަރަދުކޮށްގެން އެތައް ބަޔަކު ރާއްޖެއިން ބޭރަށް ފޮނުވާދީފައިވާ ކަމަށެވެ.
”އަޅުގަނޑުމެންނަށް ފެންނަން ހުރި ހިސާބުތަކުގައި އެބަހުރި އެންމެ މީހަކަށް އެބަހުރި 6 ލައްކަ ރުފިޔާ ދީފަ. އެންސްޕާއިން. އެންމެ މީހަކަށް 6 ލައްކަ ރުފިޔާ ދީފަ، މަޖިލީސް މެމްބަރަކު ބުނީމަ އޭނަ ދާއިރާއަށް ވޯޓު ހޯދަދޭނަމޭ ބުނީތީ“ އިލްޔާސް ވިދާޅުވި އެވެ.
މިފަދަ ބޭކާރު އެތައް ހަރަދެއް ދައުލަތުގެ އެހެން އިދާރާތަކާއި ކުންފުނިތަކުންވެސް ކޮށްފައި އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ދަރަންޏަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވީ ރައީސް ޞާލިހުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 75 ބިލިއަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އަޅުވާފައިވާ ކަމަށެވެ. އެހެންނަމަވެސް އާމްދަނީ އިތުރު ކުރަން އެއްވެސް ޕްރޮޖެކްޓެއް ހިންގާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ދައުލަތުން ހިންގާފައިވާ ކޮރަޕްޝަންތައް ރަނގަޅަށް ބެލިއްޖެނަމަ އަސްލު ހާލަތު އެނގިގެން ދާނެކަމަށެވެ.