ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލުމަށާއި އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކުރެވެންހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށް އަދާލަތު ޕާޓީއިން ގޮވާލައިފިއެވެ.
އަދާލަތު ޕާޓީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން އުޅޭ ސިޙްޔޫނީން ޣައްޒާއިން ފެނާއި, ކާނާއާއި, ބޭސްފަރުވާއާއި ކަރަންޓާއި މުވާސަލާތީ ޚިދުމަތް ކަނޑާލުމަށްފަހު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޤަތުލުޢާންމު ހައްދުންނެއްޓިފައިވާ ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި ފަލަސްޠީނުގެ މުސްލިމުންނާއި ޤުދުސްގެ ހިމާޔަތުގައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވުން އިތުރުކުރުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް ޕޯސްޓުގައިވެއެވެ.
“އަދި ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލުމާއި އެ ރައްޔިތުންނަށް އެހީތެރިވުމަށް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ކުރެވެން ހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށްވެސް ގޮވާލަން.“
އިޒްރޭލުން ފަލަސްޠީނަށް ހަމަލާދެމުން އަންނަތާ 22 ދުވަސްވެފައިވާއިރު ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 7,300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެތެރެއިން %40 އަކީ ކުޑަކުދިން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.