އިސްރާއީލުން އެކި ޖީލުތަކަށް ދީފައިވާ އަނިޔާތައް އެ މީހުންނަށް ތާއީދުކުރާ ފަރާތްތަކަށާއި ޒަޔަނިސްޓުންނަށް އެނގެން ޖެހޭ ކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ފާރިސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން ވަނީ ފަލަސްތީނުގެ އެކި ޖީލުތަކަށް އަނިޔާތައް ދީފައި ކަމަށާއި އެމީހުންނަށް ތާއީދުކުރާ ޒަޔަނިސްޓުންނަށް އެކަން އޮޅިފައި ތިބެގެން ނުވާނެ ކަމަށެވެ.
ހަމަ އެހެންމެ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ތަދުތަކާއި ހިތާމަތަކާއި އުނދަގޫތަކަކީ ވަކި ކަމެއް ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޓެކްނޮލޮޖީގެ މި ޒަމާނުގައި ދުނިޔެއިން ދަނީ ފަލަސްތީނުގައި ހިނގަމުންދާ ކަންކަން ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ ޒަރިއްޔާއިން ބަލަމުން ކަމަށާއި އެކަމުގެ ސަބަބުން އެ މަންޒަރުތައް ފެންނަ މީހުންގެ ހިތުގައިވެސް އެ ބިރުވެރިކަން އާލާވެފައިވާ ކަމަށް ފާރިސް ވިދާޅުވިއެވެ.
އެހެންކަމުން ކުރިއާއި ހިލާފަށް ސޯޝަލް މީޑީއާގެ ސަބަބުން އިސްރާއީލުގެ ބިރުވެރިކަމުގެ ހަގީގަތް އެނގެނީ އަނިޔާތައް ލިބިގެންދާ މީހުން އެކަނި ނޫން ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތް އެތަކެއް އަހަރެއްގެ ތެރޭގައިވެސް ފެނިގެންދާނެ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަނިޔާ ލިބެމުންދާ ފަރާތްތައް މިހާރު ބަލިކަށިހެން ހީވިޔަސް އެ މީހުން ފަހުން އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވެ، އަނިޔާވެރިން ބަލި ކުރާނެ ކަމަށް ވެސް ފާރިސް ވަނީ ވިދާޅުވެފައެވެ.