މި މަހުގެ 07 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްޠީނަށް ހަމަލާދެމުން އަންނައިރު, 7000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. މީގެއިތުރުން ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ޒަޚަމްވެ ގެދޮރު ވަނީ ގެއްލިފައެވެ.
ރާއްޖޭގައި ހަފުތާއަކު އެއްފަހަރު ނެރެމުން އަންނަ މަޖައްލާއެއް ކަމަށްވާ ”ދީނުގެ މަގު“ ގެ 147 ވަނަ އަދަދު ޚާއްސަކޮށްފައިވަނީ ފަލަސްޠީނުގެ މިއަދުގެ ހާލަތުގެ މައްޗަށެވެ.
މިއަދު ޝާއިއުކުރި އަދަދުގެ ފުރަތަމަ ސޮފުހާގައި އެ މަޖައްލާގެ މުޚައްރިރު އައްޝައިޚް މުޙައްމަދު އަފްޟަލް “އުންމަތުގެ ވޭނީ އަޑޭ މީ އަހާށެވެ!“ މި ސުރުޚީގެ ދަށުން ލިޔުއްވާފައިވާ ލިޔުއްވުމުގައި ވިދާޅުވެފައިވަނީ މިއަދު މުޅި ދުނިޔެ އެއް އަޑަކުން ގޮވަނީ އަނިޔާވެރިކަން ހުއްޓައިލުމަށް ކަމަށް ކަމަށާއި ފަލަސްޠީނުގެ ބިމަށް ވެރިވެގެން ތިބި އަނިޔާވެރި ޒަޔަނިސްޓު ޔަހޫދީން އެ ތަނުން ފޭބުމަށް ކަމަށާއި ނުފައިބަންޏާ ބޭލުމަށް ކަމަށް ކަމަށެވެ. އަދި ފަލަސްޠީނުގެ މުވާޠިނުންނަށް އެ މީހުންގެ ބިން އަނބުރާ ދިނުމަށް ކަމަށެވެ.
މިއީ އިންސާނީ ހައްގުތަކުގެ ގޮވައިިލުމެއް ކަމުގައި ދެކުމަށްވުރެ އިސްލާމީ އެއްބައިވަންތަކަމުގެ ގޮވައިލުމެއް ކަމުގައި ދެކުން މުސްލިމުންނަށް މާ އައުލާވެގެންވާކަމަށް ވެސް ޝައިޚް އަފްޟަލްގެ ލިޔުއްވުމުގައިވެއެވެ.
”އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ދެވެން އޮތް ހުރިހާ މަދަދެއް ދޭންވީއެވެ. ދުޢާކުރުން ހުއްޓާނުލާންވީއެވެ. ހިތުގެ އަޑިން ކުރާ އާދޭހެއް ކަމުގައި ދުޢާކުރުން ހަދާން ޖެހެއެވެ. އެއްފަހަރު ދުޢާކޮށްގެން ފުއްދައިލުމެއް ވެސް ނޫނެވެ. އެއްފަހަރު ހޭދަކޮށްގެން ނިންމައިލުމެއް ވެސް ނުމެ ނޫންމެއެވެ. އެ އަޚުންނާއި އުޚުތުންގެ ހައްގުގައި ވެވެން އޮތް ހުރިހާ އެހީއެއްވުމުގައި ދެމިތިބޭ ބަޔަކަށްވާންވީއެވެ.“ ޝައިޚް އަފްޟަލް ވަސިއްޔަތް ކުރައްވާފައިވެއެވެ.
ދެވަނަ ސޮފުހާގައި އޮތީ ”ފަލަސްޠީނަށްޓަކައި“ މި މައުޟޫއުގެ ދަށުން ޝައިޚް ޙަސަން މޫސާ ފިކްރީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
ޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެފައިވަނީ ފަލަސްޠީނަށް ނަޞްރު ދިނުމުގެ ގޮތުން އެއްކަމަކީ ދުޢާކުރުން ކަމަށާއި ދެވަނަ ކަމަކީ ރާއްޖެއާއި އިޒްރޭލާ ދެމެދު އެއްވެސް ބާވަތެއްގެ ގުޅުމެއް ނުބޭއްވުމަށް އަޑުއުފުލައި ސޯޝަލްމީޑިއާގައްޔާއި އެ ނޫން ވެސް ގޮތް ގޮތުން އިޒްރޭލާ ދެކޮޅުކަން ހާމަކުރުން ކަމަށެވެ.
”އިޒްރޭލުގެ އުފެއްދުންތަކާއި ވިޔަފާރި މުދާ ބޭނުންކުރުން ހުއްޓައިލުމެވެ. އިޒްރޭލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކު ދިވެހިރާއްޖެއަށް އެތެރެވުމަކީ ތިބާ ނުރުހޭ ކަމެއްކަން ހާމަކުރުމެވެ.“
މީގެއިތުރުން އަޅުގަނޑުމެންގެ ޅަދަރީންނަށް ފަލަސްޠީނަކީ ކޮބައިކަން ބުނެދީ މަސްޖިދުލްޢަޤްޞާގެ މާތްކަން ކިޔައިދެވިދާނެ ކަމަށާއި، އެ ބިމަކީ އިބްރާހިމްގެފާނުން ފެށިގެން ގިނަގުނަ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވުނު ބިމެއްކަން އެ ކުދިންނަށް އަންގައިދެވިދާނެ ކަމަށާއި, ފަލަސްޠީނުގެ ބިމުގައި މި ހިނގާ އަނިޔާވެރި ގަތުލުއާންމުގެ ހަގީގަތަކީ ކޮބައިކަން އެ ކުދިންގެ އުމުރާ ގުޅޭ ގޮތުން ކިޔައިދެވިދާނެ ކަމަށް ޝައިޚް ޙަސަން މޫސާ ފިކްރީ ފާހަގަކުރައްވާފައިވެއެވެ.
ތިންވަނަ ސޮފުހާގައި ”ފަލަސްޠީނުގެ ރައްޔިތުންގެ ކެކުޅުން“ މި މައުޟޫއުގައި އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ވިދާޅުވެފައިވަނީ މަސްޖިދުލްއަޤްޞާއާއި މުގައްދަސްވެގެންވާ ބިމާއި ފަލަސްޠީނަކީ ނަބީބޭކަލުންގެ ބިމެއް ކަމަށާއިި އެއީ ރަސޫލާ (ޞޢޥ) އިސްރާ ކުރެއްވުނު ތަން ކަމަށާއި އެއީ މި އުންމަތުގެ ވާރުތައެއް ކަމުގައެވެ.
ފަލަސްޠީނުގެ ރައްޔިތުން މިއަދު ވަނީ ވަރަށް ބޮޑު ވޭނަކާއި ކެކުޅުމެއްގައިކަން ފާހަގަކުރައްވައި އެ އަޑު އިވޭ ކޮންމެ މީހަކު ވެސް އެ މީހަކަށް ވީވަރަކުން ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަށް ވެސް ގޮވާލައްވައިފައިވެއެވެ.
އެގޮތުން މުދަލުގެ އަހުލުވެރިން މުދަލުން އެހީތެރިވުމަށާއި އިލްމުގެ އަހުލުވެރިން ނޫސްވެރިން މީސްތަކުންނަށް މި ހިނގާ ކަންކަމުގެ ހަގީގަތް ބަޔާންކޮށްދިނުމަށާއި އަސްކަރީ ބާރުހުރި ސަރުކާރުތަކުން އެބައިމީހުންގެ އަސްކަރީ ބާރުން އެހީތެރިކަން ފޯރުކޮށްދިނުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
ފަހު ސޮފުހާގައި ވަނީ ”ފަލަސްޠީނު ރައްޔިތުން ކާމިޔާބުވެއްޖެއެވެ!“ މި މައުޟޫއުގެ ދަށުން އައްޝައިޚް ޖަޢުފަރު މުޙައްމަދު އުޘްމާން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
ޝައިޚް ޖަޢުފަރު ވިދާޅުވެފައިވަނީ ފަލަސްޠީނު ރައްޔިތުން ކާމިޔާބުވެއްޖެ ކަމަށާއި ބައްޔެެއްނުވާ ކަމަށާއި އެބައިމީހުން ނެތިފަނާކޮށްލުމަށް ޔަހޫދީން މަސައްކަތް ކުރާތާ 70 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. ނަމަވެސް އެބައިމީހުންގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށާއި ޣައްޒާގެ މުޖާހިދުންނާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ނިއުުކްލިއަރ ބާރުތަކުން މަސައްކަތް ކުރަމުންދާއިރު ވެސް އެބައިމީހުން އެ ތިބީ ސާބިތުކަން މަތީގައިކަން ޝައިޚް ޖަޢުފަރު ފާހަގަކުރެއްވިއެވެ.
”ފަލަސްޠީނުގެ އެތައް ބަޔަކު ޝަހީދުވެ އެތައް ގެއެއް ބިމާ ހަމަވީއެވެ. މި ހާލުގައި ވެސް ހަމަ އެބައިިމީހުން ކާމިޔާބުވީތޯއެވެ. އާނއެކެވެ! ޣައްޒާގެ ރައްޔިތުން އެބައިިމީހުންގެ ވާޖިބު އަދާކޮށްފިއެވެ.“
ޝައިޚް ޖަޢުފަރު ވިދާޅުވީ މާތްރަސްކަލާނގެ އަންގަވަނީ އަޅަމެންނަށް ކުޅަދާނަވީ މިންވަރަކުން އެކަލާނގެއަށް ތަގުވާވެރިވެ އަޅުކަން ކުރުމަށް ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން އެ ގެންދަނީ އެބައިމީހުންނަށް ކުޅަދާނަވީ އެންމެ މަތީ ދަރަޖައަކަށް ޔަހޫދީ ޒަޔަނިސްޓުންނާ ހަނގުރާމަ ކުރަމުން ކަމަށާއި ބަލިމީހުންނާއި ނިކަމެތިންނަށް އަޅައިލަމުން ކަމަށެވެ.