ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ދޫކުރަމުން އަންނަ ގޮތްތައް ކަނޑައަޅައި ގަވާއިދު އިސްލާހުކޮށްފި އެވެ.
އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ދޫކުރަމުގެ އުސޫލު ކުރިން އޮތް ގޮތުން ޕެންޝަން އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފަކު ދާއިމަށް ރާއްޖެ ދޫކޮށް ދާން ނިންމައިފިނަމަ އޭނާ ފުރުމުގެ ތިން މަސް ކުރިން ޕެންޝަން ފައިސާ ހޯދުމަށް އެދި ހުށަހެޅޭނެ އެވެ.
ނަމަވެސް މި ގަވާއިދަށް ގެނައި އިސްލާހާއެކު ޕެންޝަން އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފަކު ދާއިމަށް ރާއްޖެ ދޫކޮށްދާން ނިންމާ ހިސާބުން ފޯމު ހުށަހެޅޭނެ އެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރެވޭނީ ދިވެހި ރުފިޔާއިން ކަމަށާއި މިގޮތުން ޕެންޝަން ފައިސާ ޖަމާކުރެވޭނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވައިފައިވާ ދިވެހި ރުފިޔާގެ އެކައުންޓަށް ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.
ހަމަ އެހެންމެ ޕެންޝަން ފައިސާ ނަގާފައިވާ ބިދޭސީ މުވައްޒަފަކަށް އަލުން މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެވޭ ގޮތަށް މި ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ.
ނަމަވެސް އެފަދަ ބިދޭސީ މުވައްޒަފެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވާ ފައިސާ ދެވަނަ ފަހަރަށް ދޫކުރެވޭނީ އެ ބިދޭސީ މުވައްޒަފެއްގެ އުމުރުން 65 އަހަރު ފުރުމުން ކަމަށް މި ގަވާއިދުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ބިދޭސީ މުވައްޒަފަކު މަރުވެއްޖެ ނަމަ އެ ބިދޭސީ މުވައްޒަފުގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެފައިވާ ފައިސާ ހޯދުމަށް އެދި އެ ބިދޭސީ މުވައްޒަފެއްގެ ވާރިސުންނަށް ޕެންޝަން އޮފީހަށް ހުށަހެޅޭ ގޮތަށް މި ޤަވާއިދު ވަނީ އިސްލާހުކޮށްފައެވެ.