އދ. ދަނގެތިން މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެމަގުން ކުރަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި ހޮނިހިރު ދުވަހުގެ ފަތިހު މަހަށް ނިކުތް މީހަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.
އެ މީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ’ހަކުރާ‘ އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން ޑޯނިއަރ އެއަރކްރާފްޓް ވެސް ދަނީ މިއަދު ވައިގެ މަގުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުއެވެ.
އުމުރުން 68 އަހަރުގެ އެ މީހާ ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އަދި މަހަށް ދިޔަ ދޯނި އދ. ރަންވެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި ބަޔަކަށް ވަނީ ފެނިފައެވެ. މި ދޯނިން މަހަށް ދިޔަ ފިރިހެން މީހާ ގެއްލުނު އިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެކެވެ.
އެ މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިދިނުމަށް އެމްއެންޑީއެފުން އެދެއެވެ.