ގއ. ވިލިނގިލީ މަސް ދޯންޏަކުން ބޭނި އެއް ޓަނުގެ މަހަށްވާ ފައިސާ، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާ ކުރަން ނިންމައިފިއެވެ.
އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އެތައް މުސްލިމުންނެއް ޝަހީދުވެ ގެދޮރު ގެއްލި ހާލުގައި ޖެހިފައި ވާއިރު ދިވެހި ސަރުކާރުން ވަނީ އިސްރާއިލުގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ވެސް ޖަމިއްޔާ ޖަމާއަތްތަކާއި ވަކި ވަކި ފަރުދުން ގުޅިގެން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
މިގޮތުން ވިލިނގިލީގެ ހުސީނާ މަސްދޯނިން ވެސް ވަނީ، އެ ދޯނިން މި ހަފުތާތެރޭ ބޭނި މަހުގެ ތެރެއިން އެއް ޓަނުގެ މަހަށްވާ ފައިސާ ފަލަސްތީނަށް ހަދިޔާކުރުމަށް ނިންމާފައެވެ.
ހުސީނާ ދޯނީގެ ކެޔޮޅަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުން ގޮތުގައި އެއީ އެ ދޯނިން މަހަށް ދާ ހުރިހާ މަސްވެރިންގެ ފަރާތުން ފަލަސްތީނު ފަންޑަށް ހަދިޔާ ކުރާ އެއްޗެކެވެ. އަދި މި ހަފުތާތެރޭ ބޭނި މަހުން އެއް ޓަނުގެ މަހަށް ވާ ފައިސާ ހަދިޔާ ކުރާނެ ކަމަށާއި އެއީ ގާތްގަނޑަކަށް 25،000 ރުފިޔާ ކަމަށް ހުސީނާ ދޯނީގެ ކެޔޮޅަކާއި ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.