ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުއްﷲ ހެޑްސެޓު ޖަހައިގެން ގަވާއިދާ ހިލާފަށް ސައިކަލު ދުއްވާފައިދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ ވީޑިއޯގައި ފެންނަނީ ހުދު ކުލައިގެ ހެޑްސެޓެއް ކަންފަތަށް ޖަހައިގެން އީވާ ބްރިޖު ހައިވޭގައި ސައިކަލު ދުއްވާފައިވާ މަންޒަރެވެ. ވީޑިއޯގައި ފެންނަ ގޮތުން އީވާގެ ހެޑްސެޓު ގުޅާފައިވާ ފޯނު އޮންނަނީ ސައިކަލުގެ ހުންގާނުގައި އިން ޕޮކެޓެއްގަ އެވެ.
ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދުގެ ތެރެއިން ހެޑްސެޓު ޖަހައިގެން ނުވަތަ ފޯނު ކަންފަތުގައި ޖަހައިގެން އެއްވެސް އުޅަނދެއް ދުއްވުމަކީ މަނާ ކަމެކެވެ. ހާއްސަކޮށް ސިނަމާލެ ބްރިޖާއި ހައިވޭގައި ހެޑްސެޓު ޖަހައިގެން ދުއްވުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ފުލުހުން އަބަދުވެސް އިލްތިމާސް ކުރެ އެވެ.
އީވާގެ މި ވީޑިއޯއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުން ދާއިރު ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގާނޫނާއި ގަވާއިދުތައް ހަދަން ތިބޭ މަޖިލިސް މެމްބަރުން އެ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ކަންކަން ކުރަމުން ދާކަމެވެ. މި ވީޑިއޯއާއި ގުޅިގެން އީވާގެ ކޮމެންޓެއް އަދި ނުލިބެ އެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދުތަކާއި ހިލާފުވާނަމަ ފުލުހުން ބޮޑެތި ފައިސާގެ އަދަދުތަކުން ޖޫރިމަނާ ކުރެ އެވެ. މިމައްސަލައާއި ގުޅިގެން އީވާ ޖޫރިމަނާ ކުރިކަން އަދި އެނގިފައެއް ނުވެ އެވެ.