އިޒްރާއީލުން ފަލަސްތީނުގެ ބިން ފޭރިގަތުމަށް އެގައުމުގެ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް، އެހީތެރިކަން ފޯރުކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފި އެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އިލްމުވެރިންގެ ގުޅުމުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު އެވެ.
އިޔާޒުގެ ގަރާރުގައި ބުނެފައިވަނީ އަދާލަތު ޕާޓީގެ ގާބިލްކަން ހުރި އެންމެ މަތީ މިންވަރަކަށް، މަސްޖިދުލް އަގްސާ އާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަކީ ކޮންމެހެން ލާޒިމް ކަމެއްކަމަށް ދެކޭ ކަމަށެވެ. އަދި ސަހްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ވަޒަނަށް ރުޖޫއަވުމަށް ފުރުސަތުދީ، އެމީހުން އެދޭ ގޮތަށް ދައުލަތް ގާއިމުކުރުމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ގަރާރުގައިވެ އެވެ.
މިވަގުތު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޣައިރު ގާނޫނީ އުދުވާންތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށާއި މި މައްސަލައާ މެދު ދިވެހިން ހޭލުންތެރި ކުރުމަށާއި ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް އަދާލަތު ޕާޓީއަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަންކަން ކުރުމަށް އެގަރާރުގައި ވަނީ ގޮވާލައިފަ އެވެ.
މި ގަރާރާއި ގުޅޭގޮތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ފަލަސްތީން މައްސަލައިގައި ހުރިހާ ދިވެހިން އެއްކޮށް ތިބިކަން ހާމަކޮށްދޭން ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގިނަ ދިވެހިން އެކުވެގެން ފަލަސްތީނުގެ ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރެވޭނެ ރަނގަޅު ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެޕާޓީން ފަށާ މި މަސައްކަތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައްވެސް ބައިވެރިކުރާނެ ކަމަށެވެ.
”ރާއްޖޭގައި ވަރަށް ގިނަ ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރެވިފަ އެބަހުރި. ހުރިހާ ޕާޓީތަކާއެކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމާ މަޝްވަރާ ކުރާނެ. ގިނަ ޖަމިއްޔާތައް ރާއްޖޭގައި ރަޖިސްޓްރީކުރެވިފަ އެބަހުރި، ހުރިހާ ޖަމިއްޔާތަކާއެކު މަސައްކަތް ކުރާނެ،“ ހޯމް މިނިސްޓަރުކަންވެސް ކުރައްވާ އިމްރާން ވިދާޅުވި އެވެ.
ފަލަސްތީނަށް އެހީވުމަށް ކުރާ މިމަސައްކަތުގައި ރާއްޖޭގެ އެތެރޭގެ ސިޔާސީ ހިޔާލުތަފާތުވުންތައް ނައްތާލައި އެކީގައި މަސައްކަތް ކުރާނެ ކަމުގައިވެސް އިމްރާން ވިދާޅުވި އެވެ. އެގޮތުން މިހާރު ސަރުކާރު ހިންގާ ޕާޓީތަކާއި އަލަށް އިންތިހާބުވި ސަރުކާރުގައި ހިމެނޭ ޕާޓީތަކާއިއެކުވެސް މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމްކޮށް މަސައްކަތް ފަށާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
އިޔާޒު ހުށަހެޅުއްވި ގަރާރު ފާސްކުރީ އަދާލަތު މަޝްވަރާ މަޖިލީހުގައި ބައިވެރިވި 36 މެމްބަރުންގެ އިއްތިފާގުންނެވެ. މި މަޖިލީހުން ފާސްކުރީ ފަލަސްތީނަށް އެހީވުމުގެ މަސައްކަތަށް ހާއްސަ ކޮމިޓީއެއްވެސް އެކުލަވައިލުމަށެވެ.