އައިޖީއެމްއެޗުގެ ނެޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުގެ ފަރާތުން ބާއްވާ އޮއެވަރު މެންޓަލް ހެލްތު ކޮންފަރެންސް މިއަދު ފަށައިފިއެވެ.
މިއީ ނަފްސާނީ ސިއްހަތާ ގުޅޭ އުފެއްދުންތެރި ރިސަރޗް ކޮންފަރެންސެކެވެ. މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ކޮންފަރެންސެވެ.
މި ކޮންފަރެންސްގެ ޝިއާރަކީ “ޗޭންޖިންގ ކަރަންޓްސް – ފޯމިން ކަނެކްޝަންސް“ އެވެ.
މި ކޮންފަރެންސްގެ ފުރަތަމަ ބައި ކަމަށްވާ ޕްރީ ކޮންފަރެންސް ވާކްޝޮޕްތައް މިއަދު ވަނީ މާލެ ސިޓީގެ މީރުމާގައި ފަށާފައެވެ.
އައިޖީއެމްއެޗުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ކޮންފަރެންސް ކުރިއަށްދާނީ ވިލާ ނޯޓިކާ ޕެރަޑައިސް ރިސޯޓުގައެވެ. މި ދެ ދުވަހުގެ ސެޝަންތަކުގައި ކީނޯޓު ސްޕީޗްތަކާއި ރިސަރޗް ހުށަހެޅުންތަކާއި ޕެނަލް ޑިސްކަޝަންތައް ހިމެނޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ މި ކޮންފަރެންސްގައި ބައިވެރިވުމަށް 100 އަށްވުރެ ގިނަ ފަރާތްތަކުން ރަޖިސްޓްރީކޮށްފައިވާއިރު, އޭގެތެރޭގައި ނަފްސާނީ ސިއްހަތުގެ ޚިދުމަތްތެރިންނާއި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތްކުރާ އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
މި ކޮންފަރެންސް ސްޕޮންސަރ ކޮށްފައިވަނީ ޑަބްލިޔުއެޗްއޯ މޯލްޑިވްސްއާއި ޔުނިސެފް މޯލްޑިވްސްއާއި ދިރާގާއި އެސްޓީއޯއާއި އެމްޓީސީސީއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ޔޫއެސްއެއިޑް އާއި ވިލާ ނޯޓިކާ އަދި ވިލާ ރިސޯޓްސްއެވެ.