ރަސްފަރި ފަރަށް ބޯޓެއް އަރައި ފަރަށް ލިބުނު ބޮޑު ގެއްލުން ހައްލުކުރުމަށް މުރަކަ އިންދުމުގެ މަސައްކަތް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފަށައިފި އެވެ.
މިކަން ހާމަކޮށް އީޕީއޭ އިން މިއަދު ބުނީ ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މިގޮތުން މި ވަގުތު އެ މަސައްކަތް ކުރަނީ އެ އިދާރާގެ މުވައްޒަފުން އެކަނި ކަމަށް އީޕީއޭ އިން ބުނެފައި ވެއެވެ.
އީޕީއޭ އިން ހާމަކުރާގޮތުގައި ރަސްފަރި ފަރުގައި މުރަކަ އިންދުން ރަސްމީކޮށް ފެށުން އިފްތިތާހު ކުރާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.
އަދި މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައި ވަނީ އެކި މަރުހަލާ ތަކަށް ބަހާލައިގެން ކަމަށް އީޕީއޭއިން ހާމަކުރެއެވެ.
ރަސްފަރި ފަރަށް ގެއްލުންވީ ކާގޯ ބޯޓު ”ނާވިއޮސް އާމަލިސް“ އޮގަސްޓް 19، 2021 ގައި ރަސްފަރި ފަރަށް އުރުމާ ގުޅިގެންނެވެ.
ގާތްގަނޑަކަށް 600 ފޫޓުގެ ދިގު އަދި 32،000 މެޓްރިކް ޓަނަށްވުރެ ބޮޑު ކާގޯ ބޯޓު ފުންކުރެވުނީ އޮގަސްޓް 29، 2021 ގައެވެ.
އެހެން ކަމުން ރަސްފަރި ފަރަށް ލިބުނު ގެއްލުމުގެ ސަބަބުން ސަރުކާރުން ވަނީ ބޯޓުގެ ވެރިފަރާތް 154.2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.