ތ. ދިޔަމިނގިލީ ސްކޫލުގައި އިތުރު 10 ކްލާސް ރޫމް އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 13 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މިމަސައްކަތަށް ޖުމްލަ 10 މިލިއަން ރުފިޔާ ހަރަދު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމް އެވެ. އަދި އީކޯ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ ފަޒުލީން މުހައްމަދެވެ.
ސްކޫލުތައް މަރާމާތު ކުރުމާއި ދަރިވަރުން އިތުރުވުމުގެ ސަބަބުން ދިމާވާ ޖާގައިގެ ދަތިކަން ހައްލު ކުރަން ކޮންމެ އަހަރަކުހެން ސަރުކާރުން ހަރަދު ކުރެ އެވެ. މިއީ ބަޖެޓުގައި ހިމަނައިގެން ސަރުކާރުން ތައުލީމީ ދާއިރާއަށް ހިންގާ މަަޝްރޫއުތަކެކެވެ.
ކޮންމެ އަހަރަކުވެސް އެޑިއުކޭޝަން މިނިސްޓްރީން ޖާގައިގެ ދަތިކަން ހުރި ސްކޫލުތައް ފާހަގަކޮށް ޖާގަ ތަނަވަސް ކުރުމަށް އެކި އަހަރުތަކަށް ބަހާލައިގެން މަޝްރޫއުތައް ހިންގަ އެވެ.