ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ބާރުއެޅުމަށް ރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފިއެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ އަސްކަރީ ހަމަލާތަކާއި އިރުމަތީ ޣައްޒާގައި ދިރިއުޅެމުންދާ 1.2 މިލިއަން އާންމު ރައްޔިތުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިސްރޭލުގެ ސިފައިން އެންގި އެންގުން ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަމީ ސަލާމަތްތެރިކަމާއި އެނބުރި އާދެވޭނެކަމުގެ ގެރެންޓީއަކާނުލައި މިފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވާ މަޖުބޫރުން ހިޖުރަކުރުވުން ކަމަށާއި އެ އަމުރު ބަދަލުކުރަންޖެހޭ ކަމަށެވެ.
އަދިދިވެހި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އުދުވާންތަކަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ އެންމެހައި ގާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
”ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުށް ދިވެހި ސަރުކާރުން ގޮވާލަން.“
ފޮރިން މިނިސްޓްރީން ބުނީ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުމުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބޭނެ ކަމަށެވެ. އަދި ދިވެހި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަމަށެވެ.