ނޮވެމްބަރު 11 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ރިޓަޔާކުރަން ނިންމަވައިފިއެވެ.
ޙަމީދު މިކަން ހާމަކުރެއްވީ ފުލުހުންގެ އިސް ވެރިން ހިމެނޭ މީޑިއާ ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
ފުލުހުންގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވަނިކޮށް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރެއްވި ކަމުގެ ތުހުމަތުގައި 2012 ގައި ޙަމީދު ވަޒީފާއިން ވަކިކުރިއެވެ. ޙަމީދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސްޕްރީމް ކޯޓުން 2018 ވަނަ އަހަރު ހުކުމް ކުރުމުން އޭނާއަށް އަލުން ވަޒީފާ ދިނީ އެ އަހަރުގެ ޑިސެމްބަރު 4 ގައެވެ.
އަލުން އޭނާ އައްޔަން ކުރީ ވެސް ފުލުހުންގެ އިންޓެލިޖެންސްގެ ވެރިއަކަށެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާވަގުތީ ގޮތުން ހަވާލުކުރީ ޑިސެމްބަރު 12 ގައެވެ. ރަސްމީކޮށް އެ މަގާމަށް ހަމަޖެއްސީ 2019 މާޗު 26 ގައެވެ.
ރިޓަޔާ ކުރެއްވުމަށް ނިންމެވިކަން ހާމަކުރައްވައި ޙަމީދު ފޮނުއްވި މެސެޖުގައިވަނީ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި ދިމާވި ދަތިތަކާއި ގޮންޖެހުންތައް ފާހަގަކުރައްވައިފައެވެ. އަދި ފުލުހުންގެ ތަރައްގީއަށް ކުރެއްވި ކަންކަން ފާހަގަކުރައްވައި ޙަމީދު ވަނީ ފުލުހުންގެ އިސް ވެރިންނާއި ހުރިހާ ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
އަދި ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެކަން ކުރައްވާނެ ކަމަށް ބެލެވެނީ އަންނަ މަހު ނޮވެމްބަރު 11 ވަނަ ދުވަހުކަމަށް ޙަމީދު ވިދާޅުވިއެވެ.